މަގޭ ޚިޔާލު

މިއަދު އަޅުގަނޑުމެން މުސްލިމުން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ، އެކަލޭގެފާނުގެ މަތިވެރި ޚުލުޤުފުޅާއި ސުންނަތުގައި ސާބިތުވެ، އެ ސީރަތުން ޙަޔާތް އަލިކުރުން

މިއަދަކީ ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަހެވެ. 1448 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ 12 ވަނަ ދުވަހެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ އަލިކަމަށް ވަޑައިގެންނެވި މުނާސަބަތުން (ޢީދުމީލާދުން) މުސްލިމުން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ އެކަލޭގެފާނުގެ މަތިވެރި ޚުލުޤުފުޅާއި ސުންނަތުގައި ސާބިތުވެ، އެ ސީރަތުން ޙަޔާތް އަލިކުރުމެވެ.

އެ ގޮތުން ބަލައިއިރު އެންމެ ބޮޑު އިސްކަމެއް އަޅުގަނޑުމެން މުސްލިމުން މިއަދު ދޭންޖެހޭ އެއް ކަމަކީ އަޅުގަނޑުމެންގެ އަޚްލާޤު ރަނގަޅުކުރުމެވެ. މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَއަކީ އެންމެ ރިވެތި އަޚްލާޤުގެ ވެރި ސާހިބާއެވެ. އެކަލޭގެފާނު ފޮނުއްވުނީ އެންމެހައި ރީތި އަޚްލާޤީ ސިފަތައް ފުރިހަމަކުރެއްވުމަށެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކެތްތެރިކަން މުސްލިމުންގެ ދިރިއުޅުމުގައި ހިފެހެއްޓުމަށެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ އަޚްލާޤު ރަނގަޅުކުރުމަށް މަސައްކަތްކުރުމީ މި ޢީދުމީލާދުން އަޅުގަނޑުމެން ޚާޞިލްކުރަންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅެވެ.

ހަމައެހެންމެ ރަޙުމާއި އޯގާތެރިކަމަކީ ވެސް، މުސްލިމު ދިވެހި އުންމަތުގައި އިސްކުރުން މިއަދު ލާޒިމު ކަމެކެވެ. ދިވެހީންނަކީ ރަޙުމާއި އޯގާތެރިކަމުގައި ނަމޫނާ ބައެކެވެ. އެކަން ބޭރުގެ ސައްޔާޙުންގެ ލިޔުންތަކުން ހާމައަށް ފެންނާން އެބަހުއްޓެވެ. އަދުގެ ޖީލުން ރަޙުމާއި އޯގާތެރިކަމުގެ ސިފަ ފަނޑުވުމަކީ މި މުހިންމު ދުވަހު އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ އެއް މައްސަލައެވެ. އެހެނީ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَއަކީ ރަޙުމާއި އޯގާތެރިކަމުގައި ވެސް ލާމަސީލު ބޭފުޅެކެވެ. އެހެންކަމުން މުޅި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި ސާހިބާގެ އުސޫލުތަކުން އިބުރަތް ލިބިގަނެ، ޢާއިލާއާއި މުޅި މުޖުތަމަޢަށް އޯގާތެރިވުމުގެ ސިފަ މިއަދު އަށަގެންނެމުގެ އަޒުމް އާކުރުމަކީ މިއަދު އަޅުގަނޑުމެން ލިބިގަންނާންޖެހޭ މުހިންމު ފިލާވަޅެކެވެ.

ދިވެހީންނަކީ އެއްބައިވަންތަކަމުގައި ވެސް ފަޚުރުވެރިވުން ޙައްޤު ބައެކެކެވެ. އެކަން ދިވެހީންނަށް ޖެހުނު ބޮޑު ކޮންމެ ކަމެއްގައި ދިވެހީން ވަނީ ދައްކައިދީފައެވެ. އަދި އަންނަނީ ވެސް ދައްކަމުންނެވެ. އެއްބައިވަންތަކަމާއެކު ދިވެހީން ވަނީ ލާމަސީލު މަސައްކަތްތަކެއް ވެސް ކޮށްފައެވެ. އިބުނުބަޠޫތާ ވިދާޅުވާ ފަދައިން ދިވެހީންނަކީ، ގޭބަދިގޭގެ ތެލީގެ ފޫކަހާލާއަޑަށް ޖެހިގެން ހުރި ގޭގެ ބަދިގޭން ކާބޯތަކެތި ގެނެސްދިނީމާ ކައިބޮއިގެން އުޅުނު އެކުވެރި ބައެކެވެ. ނަމަވެސް މިއަދު ފުންނޭވާއެއް ލާންޖެހެނީ މި އެއްބައިވަންތަކަމަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާތީއެވެ. ބައިބައިވުންތަކާއި ޙަސަދަވެރިކަން ދޫކޮށް، އިސްލާމީ އުއްވަތްތެރިކަމުގެ ގުޅުން މިއަދު މިވަނީ ބަދަހިކުރަންޖެހިފައެވެ. އެހެންކަމުން އެއްބައިވަންތަކަން ޤާއިމުކުރުމަކީ ވެސް މިއަދު އަޅުގަނޑުމެން ލިބިގަންނާންޖެހޭ ފިލާވަޅުގެ ބައެކެވެ.

ކީރިތި ރަސޫލާގެ ސުންނަތުގައި ހިފެހެއްޓުމަކީ ނުވަތަ އެކަލޭގެފާނުގެ ސުންނަތާ އެއް ގޮތަށް އުޅުމަކީ އަބަދުވެސް އަޅުގަނޑުމެންކުރަންޖެހޭ ކަމެކެވެ. އެހެނީ މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަންނަވަމުން މުސްލިމް އުންމަތަށް ދޫކުރެއްވި އެންމެ މުހިންމު އެއް ހަދިޔާއަކީ އެކަލޭގެފާނުގެ މާތް ސުންނަތެވެ. ސުންނަތަށް ތަބާނުވެ އަޅުގަނޑުމެންގެ ޙަޔާތް ރޯޝަންނުކުރެވޭނެއެވެ. އުޚުރަވީ ޙަޔާތަށް ދިރުމެއް ނުގެނެވޭނެއެވެ. އެހެންކަމުން އެކަލޭގެފާނު ދެއްކެވި ތެދުމަގުގައި ސާބިތުވެ، އަންގަވާފައިވާ ކަންކަމަށް ޢަމަލުކުރުމަކީ މި ޢީދުމީލާދުން އަޅުގަނޑުމެން ޙާޞިލްކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅެވެ.

ޝައްކެއްނެތެވެ. ކީރިތި ރަސޫލާގެ ސީރަތަކީ ހަމައެކަނި ހަނދާންކޮށްލާ ތާރީޚެއް ނޫނެވެ. އެއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ޢަމަލީގޮތުން ދިރުވަންޖެހޭ މަތިވެރި ނަމޫނާއެކެވެ. އަޅުގަނޑުމެން މުސްލިމުންގެ ދިރިއުޅުން ބައްޓަންކުރަންވީ އެކަލޭގެފާނުގެ މާތް ސީރަތުގެ އަލީގައެވެ. މާތްﷲގެ ވަޙީގެ ބަސްފުޅުގައިވާ ފަދައިން “ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބާގައި ތިޔަބައިމީހުންނަށް މަތިވެރިވެގެންވާ ރީތި ނަމޫނާއެއް ވެއެވެ” (އަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތުގެ މާނަ).

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button