ދެ ދުނިޔޭގެ ކާމިޔާބަށް ބޭނުންވާ އެންމެހައި އިރުޝާދުތައް ފުރިހަމަވެގެންވާ ހަމައެކަނި ދީނަކީ އިސްލާދީން: ޚުޠުބާ

ދެ ދުނިޔޭގެ ކާމިޔާބަށް ބޭނުންވާ އެންމެހައި އިރުޝާދުތައް ފުރިހަމަވެގެންވާ ހަމައެކަނި ދީނަކީ އިސްލާދީންކަމަށް ޚުޠުބާ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ 2026 އޮކްޓޯބަރު 23 ވަނަ ދުވަހު މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާ އެކުގައިކަމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް މިއަދސުގެ ޚުޠުބާ ވެސް ފައްޓަވާފައި ވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާކޮށްދެމުންނެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ މާތް ﷲ އަޅުގަނޑުމެންނަށްޓަކައި އިޚުތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީން ކަމުގައެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވާކަމަށެވެ. އަދި ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގަކީ ވެސް އިސްލާމްދީން ކަމަށެވެ.
ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވަމުންދާތީއާއި، ދީނުގެ މަތިވެރި އުޞޫލުތަކާއި، އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި، ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވަމުންދާތީ އެކަމާމެދު ކަންބޮޑުވާކަން، އިންޒާރާއެކު ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ޚުތުބާގައި ވިދާޅުވި ގޮތުގައި، ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ގޮތެއް އެދޭނޭ މީހެއް ނޫނެވެ. އެގޮތުން، ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި، އިސްލާމްދީނުގެ ފުރަތަމަ ޖީލުގެ މުސްލިމުންނަށް ކާފިރުންގެ ފަރާތުން ލިބުނު އިންތިހާ ދަރަޖައިގެ އަނިޔާތައް ނުހަނު ތަފްޞީލުކޮށް ޚުތުބާގައި ގެނެސްދެއްވާފައި ވެއެވެ. އަދި މާތް ﷲ މި އުންމަތަށް މަތިވެރިކަމާއި، ޝަރަފުދެއްވައި، ޢިއްޒަތްތެރިކުރެއްވީ މި މާތް ދީނުގެ ސަބަބުން ކަމަށް ވެސް ޚުޠުބާގައި ހާމަކުރެއްވިއެވެ.
ޚުތުބާ ނިންމަވާލެއްވީ، އިސްލާމްދީނަކީ ޝިރުކާއި، ބިދުޢަތަކާއި އަދި ދީނުގެ ތެރެއަށް އަލަށް އުފަންކުރެވޭ އެންމެހައި ކިލަނބުކަމުން ސާފުޠާހިރުވެގެންވާ ދީންކަން ފާހަގަކުރައްވަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.



