މަގޭ ޚިޔާލު

ކެލާގެ ތަރައްޤީއާ މެދު މަގޭ ޚިޔާލު

ތިލަދުންމަތީ އުތުރުބުރީގެ އިރުއުތުރު ކަނުގައި ނުވަތަ ދިވެހިރާއްޖޭގެ އިރުއުތުރު ކަނުގައި އޮތް މާސިންގާ ބިޔަ ކެލާއަކީ ޤުދުރަތީ ގޮތުން ރީތި ނަލަ ރަށެކެވެ. ބިމާއި، ފަޅުގެ ގޮތުން ވެސް ތަނަވަސް ރަށެކެވެ. ބަޔަކު އާބާދުކުރަން ވެސް އެންމެ ރަނގަޅު އެއް ރަށެވެ. މާލެވަރުގެ 3 މާލެއަށް ވުރެ ވެސް ބޮޑުކުރެވެން އޮތް ރަށެކެވެ. ޢިލްމަށް ލޯބިކުރާ، ހޭލުންތެރި ރައްޔަތަކު ދިރިއުޅޭ ރަށެކެވެ. މަރުޙޫމު ޝިހާބު ވިދާޅުވި ފަދައިން ދިވެހިރާއްޖޭގައި އޮތް، މީހުން އެންމެ ރަނގަޅު އަދި މީހުން އެންމެ ނުބައި ރަށް ވެސް މެއެވެ. ތާރީޚީ ގޮތުން ބަލައިއިރު ވެސް ކެލާއަކީ މުހިންމު ރަށެކެވެ. ތާރީޚީ އާސާރުތަކެއް ވެސް ކެލާގައި އެބަހުއްޓެވެ. ކެލާގެ ތަރައްޤީއާއި، ކުރިމަގަށް ޓަކައި، ސަރުކާރުން އިސްކަންދީގެން ކޮށްދޭންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. މި ކަންތައްތައް ކޮށްދެވިއްޖެ ނަމަ، ފަޅުވަމުން އަންނަ ކެލައަށް އާރޯކަމާއި، ތަނަވަސްކަން ލިބި ތަރައްޤީގެ ސަހަރަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ކެލާގެ ތަރައްޤީއަށް ކޮށްދޭންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އިޤްތިޞާދީ ފުރުޞަތުތަކާއި، ލޯކަލް ޓުއަރިޒަމް ފުޅާކޮށްދެއްވުމެވެ. މި ކަން ކުރުމަށް ޓަކައި ޙަޤީޤީ މާނާގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު، އިންޓަނޭޝަނަލްވާން އެބަޖެހެއެވެ. ފަތުރުވެރިން ގެންނަ އެއާޕޯޓަކަށް ހަނިމާދޫ ބަދަލުވާން އެބަޖެހެއެވެ. ހެޔޮ އަގުގައި ލަންކާ އަދި އިންޑިޔާމަގުން ސީދާ، ހަނިމާދުއަށް ގެސްޓުންނަށް އާދެވޭ ގޮތް ވާން އެބަޖެހެއެވެ. ކެލާގެ ރީތި ފަޅާއި، ބޮޑު ޤުދުރަތީ ފަލުން އަދި ތާރީޚީ އާސާރުތަކުން ކެލާ ރައްޔިތުންނަށް ޑޮލަރު އުފެއްދޭނީ އޭރުންނެވެ. ލޯކަލް އީކޯ-ޓުއަރިޒަމާއި، ހެރިޓޭޖު ޓުއަރިޒަމް ބްރޭންޑްކޮށް ބޭރުގެ މާކެޓްތަކުން ނަފާ ފަހިވާނީ އޭރުންނެވެ. ދަނޑުވެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، މާކެޓަށް އުފެއްދުން ފޮނުވޭނެ ހަރުދަނާ ސަޕްލައި ޗޭނެއް ގާއިމްކުރުމަކީ ވެސް ކެލާގެ އިޤްތިޞާދު މެކުހަށް ޖަހާނެކަމެކެވެ.

ކެލާގެ ތަރައްޤީއަށް އަޅާންޖެހޭ މުހިންމު އަނެއް ފިޔަވަޅަކީ ދަތުރުފަތުރާއި ލޮޖިސްޓިކްސް އިތުރަށް ހަރުދަނާކުރުމެވެ. ދަތުރުފަތުރުގެ ނިޒާމު ވަރުގަދަވުމަކީ ނުވަތަ ހަރުދަނާވުމަކީ ވަރަށް މުހިންމު ކަމެކެވެ. އާރުޓީއެލް ފެރީގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކެލާގެ ބަނދަރުގެ ޖާގަ ބޮޑުކޮށް، ބަނދަރަށް ހުރިހާ ގަޑިއެއްގައި ވެސް ވަދެނުކުމެވޭނެ ގޮތް ވާން އެބަޖެހެއެވެ. މިއީ ރަށަށް މުދަލާއި، ފަތުރުވެރިން އައުމަށް ވެސް މަގު ފަހިވާނެ ކަމެކެވެ. ހަނިމާދޫ އެއާޕޯޓު ތަރައްޤީވެ ހެޔޮ ބަދަލާ ފައިދާތައް އޮހިގަންނަ އިރު، ކެލާއާއި، ހަނިމާދޫއާ ދެމެދު އޮންނަ ކަނޑުގެ ދަތުރުފަތުރުގެ ގުޅުން އަވަސް އަދި ފަސޭހަ ނިޒާމަކުން ގުޅުވާލަދިނުން މުހިންމެވެ. ޙަޤީޤީ ފައިދާ ރައްޔިތުންނަށް ހޯދައި ގަނެވޭނީ އޭރުންނެވެ.

އިޖުތިމާޢީ، އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ޚިދުމަތެވެ. ޒުވާނުންނަށްހުރި ފުރުޞަތުތަކެވެ. ރަށުގައި ތިބެގެން ރަނގަޅު ޞިއްޙީ ފަރުވާ (އިމަޖެންސި ފަރުވާއާއި، ސްޕެޝަލިސްޓުންގެ ޚިދުމަތް) ލިބޭނޭ ގޮތް ފަހިވާން އެބަޖެހެއެވެ. ރަށުގެ ޞިއްޙީ މަރުކަޒު ވަތަބަޑޭރި މެމޯރިއަލް ހޮސްޕިޓަލަށް ނުވަތަ ޢަބްދުލްކަރީމު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުވާން އެބަ ޖެހެއެވެ. ސާނަވީގެ އިތުން މަތީ ސާނަވީ ތަޢުލީ ވެސް ފެންވަރު މަތިކޮށް، ރަށުން ލިބޭނެ ގޮތް ހަމަޖެހުމަކީ މުހިންމު ކަމެކެވެ. ވަޒީފާގެ މައިދާނަށް ބޭނުންވާ ތަމްރީނުތައް ރަށުގައި ތިބެގެން ލިބޭނޭ ގޮތް ހަމަޖެމަކީ ވެސް އެހާމެ ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން ޒުވާނުން ރަށުގައި ހިފެހެއްޓުމަށް ޓަކައި ކުޅިވަރާއި، އިޖުތިމާޢީ ވަސީލަތްތަކުގެ އިތުރުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަޒީފާގެ ފުރުޞަތުތައް އުފެއްދުން ވެސް އެހާމެ މުހިންމެވެ.

ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ރަށްގިރުމުގެ މައްސަލަ ކެލައަށް ވެސް މިއަދު ކުރިވެފައިވުމާއި، ނަލަ ގޮނޑުދޮށަށް އަކިރިއަރާ މައްސަލަ ހައްލުކުރުމަކީ ކެލާގެ ތަރައްޤީއަށް ޓަކައި އިސްކަމެއްދީގެން މިއަދުންމިއަދަށް ވެސް ކުރަންޖެހިފައިވާ ކަމެކެވެ. ދޮށްކުދިންނަށް ފައްކާކުރާ ކެލައަށް، އެ ކުދިން އަތުން ނަފާ ހޯދެން އޮތީ ތިމާވެށްޓަށް ކުރިމަތިވެފައިވާ މި ފަދަ މައްސަލަތަކަށް ވެސް އެދެވޭ ހައްލެއް ގެނެވިގެންނެވެ. ކެލާގެ ބައެއް ސަރަޙައްދުތަކަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާތީ، ރަށުގެ ގުދުރަތީ ވެއްޓާއި އާސާރުތައް ސަލާމަތްކުރުމަށް ޓަކައި ޒަމާނީ ފެންވަރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެއް (ހޭޑް ޕްރޮޓެކްޝަން ނުވަތަ ބީޗް ނާރިޝްމަންޓް ފަދަ ކަންކަން) ހިންގުމަކީ ރަށުގެ ދިގު މުއްދަތުގެ ކުރިމަގަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެކެވެ. އަދިހަމައެހެންމެ ރަށުގެ އާބާދީއާއި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުންދާ ވަރަކަށް، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކުނި މެނޭޖްކުރުމުގެ ނިޒާމު (ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށް ރަށުފެންވަރުގައި ކުނި ވަކިކޮށް ނައްތާލެވޭނެ އިންތިޒާމު ހަމަޖެއްސުން) ވަރަށް މުހިންމެވެ. މީގެ ސަބަބުން ރަށުގެ ފެންފަށަލައާއި، ތިމާވެށި ރައްކާތެރިކުރެވި، ދެމެހެއްޓެނިވި ތަރައްޤީއަކަށް މަގުފަހިވެގެންދާނެއެވެ.

މި ހުރިހާ ކަމަކަށް ވުރެ ވެސް އާބަން ސެންޓަރަކަށް ކެލާ ބަދަލުކުރުމަށް ޓަކައި، އަތޮޅު ނުވަތަ ކައިރި އަތޮޅުތަކުން އާބާދީ ކުޑަ ދެ ރަށެއް ނުވަތަ 3 ރަށެއްގެ މީހުން ކެލާގައި އާބާދުކުރުވުމުގެ ސިޔާސަތަކީ އިސްކަންދީގެން ކުރިއަށްގެންދަންޖެހޭ ސިޔާސަތެކެވެ. މި ސިޔާސަތު ނަގަހައްޓައި، ދަމަހައްޓައިގެން ނޫނީ ކެލާއާއި މެދު ކެލާ ރައްޔިތުން ދެކޭ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ނުޖެހޭނެއެވެ. ތަޢުލީމީ ނިޒާމާއި، ޞިއްޙީ ނިޒާމާއި، އިޤްތިޞާދީ ކުރިއެރުންތަކާއި، އަސާސީ ޚިދުމަތްތަކާއި، އިޖުތިމާޢީ ބޭނުންތައް ވެސް ޙަޤިޤީ މާނާގައި ކުރިނާރާނެއެވެ. އެހެންކަމުން ދައުލަތުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު ބަޔަކު ރަށުގައި އާބާދުކުރުމަށް ރައްޔަތުން ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކުރުމަކީ މުހިންމު ކަމެކެވެ. އެ ކަމަށް ރައްޔިތުން ޑިމާންޑުކުރަން އެބަޖެހެއެވެ.  

ކެލާގެ މުސްތަޤްބަލް އުޖާލާކޮށް، ރޯޝަނީކުރުމަށް ޓަކައި ކެލައަށް ކޮށްދޭންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެ ގޮތުން އިޤްތިޞާދީ ފުރުޞަތުތަކާއި، ލޯކަލް ޓުއަރިޒަމް ކެލާގައި ފުޅާކޮށްދެއްވުން މުހިންމެވެ. ދަތުރުފަތުރާއި ލޮޖިސްޓިކްސް އިތުރަށް ހަރުދަނާކޮށްދޭން ޖެހެއެވެ. އިޖުތިމާޢީ، އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. ރަށްގިރުމުގެ މައްސަލައާއި، ނަލަ ގޮނޑުދޮށަށް އަކިރިއަރާ މައްސަލަ ހައްލުކުރުމަކީ މިއަދުންމިއަދަށް ވެސް ކޮށްދެއްވަންޖެހޭ ކަމެކެވެ. އަތޮޅު ނުވަތަ ކައިރި އަތޮޅުތަކުން އާބާދީ ކުޑަ ދެ ރަށެއް ނުވަތަ 3 ރަށެއްގެ މީހުން ކެލާގައި އާބާދުކޮށްދޭން ވެސް ޖެހެއެވެ. މި ކަންކަމަށް ރިޢާޔަތްކޮށް ކެލާ ތަރައްޤިކުރެވިއްޖެ ނަމަ، މުހިންމު ސަހަރަކަށް ކެލާ ބަދަލުކުވިދާނެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button