ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުއްޓަސް 4 ވަނަ ދައުރުގެ ކައުންސިލުން މުހިންމު ކަންތައްތަކެއް ކޮށްދެއްވި

ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުއްޓަސް ރަށުގެ ކުރިއެރުމާ ތަރައްޤީއަށް 4 ވަނަ ދައުރުގެ ކެލާ ކައުންސިލުން މުހިންމު ކަންތައްތަކެއް ވަނީ ކޮށްދެއްވާފައެވެ. ކުރީގެ ކައުންސިލުތަކަށް ނިންމާން ނުކެރުނު ގިނަ ކަންތައްތަކެއް ނިމިދިޔަ 4 ވަނަ ދައުރުގެ ކައުންސިލުން ނިންމިއެވެ.
ރުހުމުގެ ލޮލަށް އައިބު ނުފެންނަ ފަދައިން ނުރުހޭ ލޯތަކަށް ފެންނަ ކަންތައްތަކެއް ނެތަސް ޙަޤިޤަތް ވާނީ ޙަޤީޤަތަށެވެ.
1. ދަނޑުބިން ސާފުކޮށް މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 5000 އަކަފޫޓުގެ ދަނޑުބިން ހިލޭ ދިނެވެ.
2. އަލަހައްދަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ވަރަށް ވުރެ ކުޑައަސް އަަލަ އޮޅެއް ކޮނުމަށް ފަހު މުޑުވަކާއެކު ދިނެވެ.
3. ރަށުގެ މަތިފަރާތުން (ހުޅަނގު ފަރާތުން) އޮޑި ހަރުގެތައް ނަގައި މޫނުމަތި ސާފުކޮށްދިނެވެ.
4. ފިރިހެނުންގެ މިސްކިތްތައް އޭސީކޮށްދީ ނެވިލޯން އަޅައިދިނެވެ.
5. ފުޓްސަލް ދަނޑުގައި ވިނަދޫލައަޅައި ދަނޑު ބޮޑުކޮށް ޒަމާނީ ފުޓްސަލް ދަނޑަކަށް ފުޓްސަލް ދަނޑު ބަދަލުކޮށްދިނެވެ. މި ދަނޑު އަޅައިފައި ވަނީ ސީދާ ކައުންސިލްގެ ބަޖެޓުންނެވެ.
6. ލައިސަންސު ޓްރެކެއް އަޅައި ރަށުގައި ތިބެގެން އޭ ޒޯން ލައިސަންސު ނެގޭނެ ގޮތް ހަދައިދިނެވެ.
7. ރަށުގައި ތިބެގެން އައިޑީކާޑު ހެދޭ ގޮތް ހަދައިދިނެވެ.
8. ރަށުގައި ތިބެގެން ޕާސްޕޯޓު ޕްރިންޓްކުރެވޭ ގޮތްހަދައިދިނެވެ.
9. ލިލީ ޕްރީ ސުކޫލަކީ ފީ ނުނނަގާ ހިލޭ ކިޔަވައިދޭ ސުކޫލަކަށް ހެދިއެވެ.
10. “9 އުފާ”ގެ ނަމުގައި މާބަނޑުވާ ހިސާބުން ވިހާންދެން ކޮންމެ މަހަކު ހަދިޔާ ފޮށި ދިނުމާއި، ވިހެއުމަށް ދިއްދޫއަށް ދަތުރުކުރާ ނަމަ ދަތުރު ޚަރަދާ ކެއުމުގެ ޚަރަދު ދޭން ފެށިއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެ ކަން ހުއްޓުވީއެވެ.
11. ޒަމާނީ ވޮލީ ކޯޓެއް އެޅިއެވެ.
12. ކައުންސިލް ބަޖެޓުން 5 ލައްކަ ރުފިޔާއަށް ގިނަ ފައިސާ ޚަރަދުކޮށް އަންޞާރު މިސްކިތުގެ ކަރަންޓު ވިޔުގަ ރަނގަޅުކޮށް ތުރީފޭސް ކަރަންޓަށް ބަދަލުކުރިއެވެ.
13. އަތޮޅު ފެންވަރުގައި މުބާރާތްތައް ރާވާ އިންތިޒާމުކޮށް ބޭއްވިއެވެ.
14. ޤައުމީ ފެންވަރުގައި 1446 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ ޙަރަކާތްތައް، ކެލާ ޔޫތު ފޯރަމާއެކު ފާހަގަކުރިއެވެ.

ޢަބްދުﷲ އިންފާޒުގެ މޭސްތިރިކަމުގެ ދަށުން، 100 އިންސައްތަ ސަރުކާރުގެ ތާއީދު އޮތް ކައުންސިލުން ކުރު މުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީއާ ގުޅޭ ގޮތުން އިންފާޒު ދެއްވި ވަދާއީ މެސެޖެގައި މުހިންމު ވާހަކަތަކެއް ހާމަކޮށްފައި ވެއެވެ.
އިންފާޒުގެ މެސެޖުގައި ވިދާޅުވި ގޮތުގައި އޭނާއަށް ޙާސިލުކުރެވުނު ކޮންމެ ކަމަކީ ވެސް ކެލާ ރައްޔިތުންގެ ވަރުގަދަ އަޒުމާއި، ކެތްތެރިކަމާއި، އަދި މުޖުތަމަޢެއްގެ ގޮތުގައި ބޭއްވި އެއްބައިވަންތަކަމުގެ ސަބަބުން ޙާސިލުކުރެވުނު ކަންކަމެވެ.

“އަޅުގަނޑު ނިންމި ކޮންމެ ނިންމުމަކީ ވެސް ކެލާގެ ލާބަޔާއި، މަންފާއަށް އިސްކަންދީގެން ނިންމި ނިންމުމެކެވެ. އަބަދުވެސް ގިނަ ބައެއްގެ މަޞްލަޙަތަށް އިސްކަންދީފައިވީ ނަމަވެސް، ބައެއް ނިންމުންތަކުގެ ސަބަބުން މަދު ބަޔަކަށް މާޔޫސްކަމެއް ނުވަތަ ދަތިތަކެއް ކުރިމަތިވެފައި ހުރެދާނެކަން އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. އެ ކަމަށް ޓަކައި އިޚްލާޞްތެރިކަމާއެކު މާފަށް އެދެމެވެ” އިންފާޒުގެ މެސެގައި ވިދާޅުވިއެވެ.
އުންމީދުކުރަނީ މިރޭ ކެލާގެ ހިންގުމާ ޙަވާލުވާ، 5 ވަނަ ދައުރުގެ ކައުންސިލުން ވެސް ވަޠަނުގެ ހެވާ ލާބަޔާ ކުރިއެރުމަށް ޓަކައި ގިނަ ކަންތައް ތަކެއް ކޮށްދެއްވާނެ ކަމަށެވެ. ޕާޓީގެ ފިކުރަށް ވުރެ ވަޠަނީ ވިސްނުން އިސްކުރައްވާނެ ކަމަށެވެ. ތިލައުތުރު ނޫހުގެ ފަރާތުން 5 ވަނަ ދައުރުގެ ކައުންސިލަށް ހޫނު މަރުޙަބާއާއި، ތަހުނިޔާ ކިޔަމެވެ.




