ފާރެއް ވެއްޓި ހިތާމަވެރި ހާދިސާއެއް ކެލާގައި ހިނގައިފި

ކެލާގެ މަގުހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭން ފާރެއް ވެއްޓި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މިއަދު ހެނދުނު ހިނގި މި ހިތާމަވެރި ޙާދިސާގައި އަނިޔާވެފައި ވަނީ ރޯޑު ކޮޕަރޭޝަންގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ހއ. ކެލާ، ފެހިވިނަ މުޙައްމަދު ޢަބްދުﷲއަށެވެ.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފު ވިދާޅުވި ގޮތުގައި ފާރުވެއްޓިފައި ވަނީ މުޙައްމަދު ޢަބްދުﷲގެ މައްޗަށެވެ. މި ވަގުތު މުޙައްމަދުބޭ އޮތީ ކެލާ ޞިއްޙީމަރުކަޒުގައި ކުރިޓިކަލް ޙާލަތުގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފުރުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބޭނުމަކީ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ވީހާވެސް އަވަހަކަށް މުޙައްމަދުބޭ މާލެ ގެނައުން ކަމަށް އެމްޕީ ޝަރީފު ވިދާޅުވިއެވެ.
ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، މުޙައްމަދުބޭގެ މޭގެ ކަށިތަކަށް ގެއްލުންލިބުމުގެ އިތުރުން ފައިވެސް ވަނީ ބިނދިފައެވެ.
ކޭބަލްވައްދާ ހޮޅިއެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭން މިއަދު ވެއްޓިފައި ވަނީ ކެލާ، ފުރުންމާގޭގެ ފާރުން ބަޔަކާއި، ސަބުދެލިގޭގެ މަގުމަތީ ފާރުން ބައެކެވެ.




