ތިލައުތުރު ފްޓްސެލް މުބާރާތް 2024 މާދަމާ ކެލާގައި ފަށަނީ
ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ހުޅުވައިލައިގެން އަހަރަކު އެއް ފަހަރު ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ތިލައުތުރު ފުޓްސަލް މުބާރާތް 2024″ މާދަމާ ކެލާގައި ފެށޭނެއެވެ.
ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ، މި އަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި އަތޮޅުގައި ހިމެނޭ 14 ރަށުގެ ތެރެއިން 10 ރަށަކުން މުބާރާތުގައި ބައިވެރިވެފައި ވެއެވެ. އެއީ ތުރާކުނު، އުލިގަން، އިހަވަންދޫ، ދިއްދޫ، ވަށަފަށް، ފިއްލަދޫ، ބާރަށް، އުތީމު، މުރައިދޫ އަދި މުބާރާތް ބާއްވާ ރަށް ކަމުގައިވާ ކެލާއެވެ.
ދެ ގުރޫޕަކަށް ބަހައިލައިގެން ކުޅޭ މި ފުޓްސަލް މުބާރާތުގެ ގުރޫޕް A ގައި ހިމެނެނީ ވަށަފަށް، މުރައިދޫ، ދިއްދޫ، ބާރަށް އަދި ފިއްލަދޫއެވެ. ގުރޫޕް B ގައި ހިމެނެނީ ތުރާކުނު، އުތީމު، އުލިގަން، ކެލާ އަދި އިހަވަންދޫއެވެ.
“ތިލައުތުރު ފުޓްސަލް މުބާރާތް” ފައްޓާ މެޗުގެ ގޮތުގައި ކުޅެވޭ ޗެރިޓީ ޝީލްޑް މެޗްގައި ބައްދަލުކުރަނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމުގައިވާ ވަށަފަރާއި، މި އަހަރުގެ މުބާރާތް ބާއްވާ ރަށް ކަމުގައިވާ ކެލާއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވޭ މެޗަކީ ޝަރަފުވެރި މެޗަކަށް ވިއަސް މެޗުގެ ފޯރި ކުޑަ ނުވާނެ ކަމަށް ބެލެވެއެވެ.