ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށް، އެ ކުދީންނަށް އިހުމާލުނުވުމަށް ޚުޠުބާގައި ގޮވައިލައްވައިފި

ކުޑަކުދީންނަކީ މާތް ﷲ ދެއްވާފައިވާ އަގުހުރި އަމާނާތަކަށް ވީހިނދު، އެ ކުދީންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށް، އެ ކުދީންނަށް އިހުމާލުނުވުމަށް ޚުތުބާގައި ގޮވައިލައްވައްފިއެވެ. މި ކަމަށް ގޮވައިލެއްވީ “ކުޑަކުދީންގެ ޙައްޤުތައް” މި މައުޟޫޢަށް 2026 ސެޕްޓެންބަރު 4 ވަނަ ދުވަހު އިއްޔެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ  މުސްލިމުންނަށް ހަނދާންކޮށްދެމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ އިއްވި ޚުތުބާގައި، ފާއިތުވި ހަފުތާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލާފައިވެއެވެ. އެ ގޮތުން ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހާދިސާއާއި، ޢިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހިތްދަތި ޚަބަރު ފާހަގަކުރައްވައި، އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި ކުޑަކުދީންނަކީ ބެލެނިވެރީންނާ، މާތްﷲ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، ކޮންމެ ޙާލަތެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް މި އަމާނާތަށް ފުރިހަމައަށް ރައްކައުތެރިވުމަކީ މައިންބަފައިންނާއި، މުޅި މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ހާމަކުރެއްވިއެވެ. އަދި އަމިއްލަ ނަފުސާއި އަހުލުވެރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް އަންގަވާފައިވާ އަމުރުފުޅުގެ ދަށުން، ކުޑަކުދީންނަށް އިހުމާލުވުމަކީ ބޮޑުވެގެންވާ ފާފައެއްކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚުތުބާގައި ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ މުޢާހަދާތަކާއި، ޤާނޫނުތައް ވުޖޫދަށް އައުމުގެ އެތައް ޒަމާނެއް ކުރިން އިސްލާމްދީނުގައި ވަނީ ކުޑަކުދީންގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. އެ ގޮތުން ކުއްޖަކު ދުނިޔެއަށް އުފަންވުމާއެކު ރިވެތި، މާނަ ފުރިހަމަ ނަމެއް ދިނުމާއި، އަނިޔާވެރިކަމާއި، ގަނާކުރުމާއި، ތަފާތުކުރުންތަކުން އެ ކުދީން ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ލާޒިމުކޮށްފައިވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި ކުދީންނަށް ޙައްޤުވާ ޙިމާޔަތް ފުރިހަމައަށް ފޯރުކޮށްދެވޭނީ ހަރުދަނާ ޢާއިލީ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ހާމަކުރެއްވިއެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، ދަރީން ތަރުބިޔަތުކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ރޫޙާނިއްޔަތު ވަރުގަދަކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި، ފަރުޟު ފަސް ނަމާދު ފަދަ ދީނުގެ މުހިންމު ރުކުންތަކަށް ދަރީން ހާނުވާ އަހުލުވެރިކުރުވުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ބައެއް ޙާލަތްތަކުގައި އެކަށީގެންވާ އަދަބުދީގެން ނަމަވެސް އެ ކަންކަން ދަސްކޮށްދޭންޖެހޭކަން ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.

ޚުޠުބާ ނިންމަވައިލެއްވީ، ކުޑަކުދީންނަށް އޯގާތެރިނުވާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫންކަން ނަބަވީ އިރުޝާދުތަކުން ސާބިތުވާކަން ފާހަގަކުރައްވައި، ބައެއް ބެލެނިވެރިންނާއި މީހުންގެ ފަރާތުން ކުދީންނަށް ލިބޭ ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button