މަގޭ ޚިޔާލު

ޤައުމީ ތަރައްޤީ ހަމަހަމަކަމާއެކު ގެންދިއުމަށް ސަރަޙައްދީ އާބަން ސެންޓަރުތަކެއް ޤާއިމުކުރުން މުހިންމެވެ.   

ދިވެހިރާއްޖޭގެ ރަށްތައް ޖަޒީރާވަންތަކޮށް، އެކި ސަރަޙައްދުތަކަށް ފުރިހަމައަށް ފެތުރިފައި އޮތުމާއެކު، ޤައުމީ ތަރައްޤީ ހަމަހަމަކަމާއެކު ގެންދިއުމަށް ސަރަޙައްދީ އާބަން ސެންޓަރުތަކެއް ޤާއިމުކުރުމަކީ މިއަދު ކޮންމެހެން ބޭނުންވާ ކަމެކެވެ. ކުދިރަށްތައް ފަޅުވާފަޅުވުން ހުއްޓުމަކަށް ގެނެވޭނީ އޭރުންނެވެ. އަތޮޅުތެރެއަށް ޒަމާނީ ތަރައްޤީއާއި، ރައްޔިތުން އެދޭ އިޤްތިޞާދީ ބަދަލާއި، ޞިއްޙީ އަދި ތަޢުލީމީ ކުރިއެރުންތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ކުނިމެނޭޖުނުވުމުގެ މައްސަލައާއި، ކާރިސާތަކުން ރައްކާތެރިވެވެން އޮތީ ވެސް މި ދެންނެވި ބަދަލު މި ރާއްޖެއަށް ހަރުދަނާ އުޞޫލެއްގެ ތެރޭން ގެނެވިގެންނެވެ.  

މިއަދު މި ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއް ސަރަޙައްދަކަށް މީހުން ޖަމާވުމަށް މަޖުބޫރުވެފައިވާ މައްސަލައެވެ. މާލެއަށް ނުވަތަ މާލޭ ސަރަޙައްދަށް ބާރުބޮޑުވާ މައްސަލައެވެ. މި މައްސަލަ ޙައްލުކުރެވޭނީ މި ދެންނެވި އާބަން ސެންޓަރުތައް ޤާއިމްކޮށްދެވިގެންނެވެ. ރާއްޖޭގެ އާބާދީއާއި، އިޤްތިޞާދީ ހަރަކާތްތައް މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތް ބަދަލުކޮށް، ސަރަޙައްދީ ސެންޓަރުތައް ތަރައްޤީ ކުރުމުން މާލޭގެ ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ލިބިގެން ދާނެއެވެ.  ބޮޑު ކޮންމެ އަތޮޅަކުން 1 ރަށް، ކުޑަ ކޮންމެ ދެ އަތޮޅަކުން އެއް ރަށް އާބަން ސެންޓަރަކަށް ނުވަތަ ސަރަޙައްދީ މަރުކަޒުތަކަށް ބަދަލުކުރެވިއްޖެ ނަމަ، އެ ސަރަހައްދުތަކުގެ ރައްޔިތުން މާލެއަށް ހިޖުރަކުރާ މިންވަރު މަދުވެ، އެކަން ހުއްޓުމަކަށް އަންނާނެއެވެ.

މި ދެންނެވި އާބަން ސެންޓަރުތައް ޤާއިމްކުރެވިއްޖެ ނަމަ، އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވާނެއެވެ. ސަރަޙައްދީ އާބަން ސެންޓަރުތަކުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓްތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުން، ލޯކަލް އިޤްތިޞާދު ވަރުގަދަވެގެންދެއެވެ. މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތްތަކަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް، ބަނދަރު، އަދި ލޮޖިސްޓިކްސް ޚިދުމަތްތައް ސަރަޙައްދީ މަރުކަޒުތަކުގައި ޤާއިމުކުރުމުން، ރަށްރަށުގެ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ ހޯދުމުގެ ފުރުޞަތު ފަހިވެއެވެ.

އާބަން ސެންޓަރުތައް ޤާއިމްކުރެވިއްޖެ ނަމަ، ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތަކުގެ ފެންވަރު ބޮޑުތަނުން މަތިވާނެއެވެ. ކޮންމެ ރަށެއްގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ މަރުކަޒެއް ނުވަތަ ޔުނިވަރސިޓީއެއް ޤާއިމުކުރުމަކީ މާލީ ގޮތުން ކުރެވޭވަރުގެ ކަމެއްނޫނެވެ. ނަމަވެސް، ސަރަޙައްދީ ސެންޓަރުތައް މެދުވެރިކޮށް މި ޚިދުމަތްތައް ފޯރުކޮށްދިނުމުން ރައްޔިތުންގެ ޖީބުންކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން ކުޑަވެ، ފެންވަރު ރަނގަޅު ޚިދުމަތް ލިބޭގޮތް ވާނެއެވެ. ސަރަޙައްދީ ހޮސްޕިޓަލްތަކުން އާދައިގެ ބަލިތަކުގެ އިތުރުން ޚާއްޞަ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޕޮލިޓެކްނިކް ނުވަތަ ކޮލެޖް ކެމްޕަސްތައް އެ ސަރަޙައްދުތަކުގައި ގާއިމްކުރުމުން، ތަޢުލީމީ ފެންވަރާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު އެކުއެކުގައި ކުރިއަރައި، ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުން ބޮޑުތަނުން މަތިވެއެވެ.

އަދިހަމައެހެންމެ އާބަން ސެންޓަރުތައް އުފައްދާ ތަރައްޤީކުރެވިއްޖެ ނަމަ، އަތޮޅުތެރޭގެ ރަށްރަށުގެ އާބާދީ ހުސްވުން ހުއްޓުމަކަށް ގެނެވޭނެއެވެ. ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުދި އާބާދީތައް ފަޅުވަމުންދާދިއުން ހުއްޓުވޭނީ، ކައިރީގައި އޮންނަ ބޮޑު އާބާދީއެއް ނުވަތަ ސަރަޙައްދީ ސެންޓަރެއް މެދުވެރިކޮށް އަސާސީ ޚިދުމަތްތަކާއި، ވިޔަފާރީގެ ފުރުޞަތުތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދީގެންނެވެ. އަތޮޅުތަކުގެ މައި ރަށްރަށަށް ނުވަތަ އާބަން ސެންޓަރުތަކަށް ދަތުރުފަތުރުގެ ނިޒާމުން (ފެރީ ނިޒާމު) ފަސޭހައިން ގުޅާލެވުމުން، ވަށައިގެންވާ ކުދި ރަށްރަށުގެ ރައްޔިތުންނަށް އެ ރަށްތަކުގައި ދިރިއުޅެމުން ސަރަޙައްދީ މަރުކަޒުގެ ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ލިބެއެވެ.

މިދެންނެވި އާބަން ސެންޓަރުތަކުގެ ސަބަބުން އިދާރީ އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވާނެއެވެ. ސަރުކާރުގެ އެކި ޚިދުމަތްތަކާއި ޕާސްޕޯޓް، ލައިސަންސް ފަދަ މުހިންމު ލިޔެކިޔުންތައް ހޯދުމަށް މާލެއަށް ދާންޖެހޭޖެހުން ނައްތައިލެވި، ސަރަޙައްދީ ސެންޓަރުތަކުން އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. ރީޖަނަލް އެއަރޕޯޓްތަކާއި، ފެރީ ނިޒާމުގެ މައި މަރުކަޒުތައް ސަރަޙައްދީ ސެންޓަރުތަކުގައި ޤާއިމުކޮށްފައި ހުރުމުގެ ސަބަބުން މުޅި ސަރަޙައްދުގެ ލޮޖިސްޓިކްސް ނިޒާމު ހަލުވިވެގެންދެއެވެ.

މީގެ އިތުރުން އާބަން ސެންޓަރުތަކުގެ ސަބަބުން ތިމާވެށި ޙިމާޔަތްވެ، ކުނި މެނޭޖުކުރުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވޭނެއެވެ. ކޮންމެ ކުޑަ ރަށެއްގައި ވަކިވަކިން ބޮޑެތި ކުނި މެނޭޖުކުރާ ނިޒާމުތަކާއި، އިއާދަކުރަނިވި ހަކަތައިގެ މައި ސެންޓަރުތައް ބެހެއްޓުމުގެ ބަދަލުގައި، ސަރަޙައްދީ އާބަން ސެންޓަރެއްގައި މިފަދަ ވަސީލަތްތައް ޤާއިމުކުރުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވެއެވެ. ސަރަޙައްދީ ކުނި މެނޭޖުކުރާ މަރުކަޒުތައް  މެދުވެރިކޮށް އަތޮޅުތަކުގެ ކުނި އެއްކޮށް، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ނައްތާލުމާއި، ރީސައިކަލްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ކުރެވޭނެއެވެ.

ހަމައެހެންމެ އާބަން ސެންޓަރުތައް އުފެއްދުމުން ކާރިސާތަކުން ރައްކާތެރިވުމާއި ޤައުމީ ސައިބަރ ނުވަތަ އިންފްރާސްޓްރަކްޗަރ ރެސިލިއެންސް ހަރުދަނާކުރެވޭނެއެވެ. މޫސުމީ ބަދަލުތަކާއި، ކުއްލި ކާރިސާތަކުގެ މުހިންމު ވަސީލަތްތައް މާލެއަށް އެކަނި އެއްވެފައި އޮތުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ސަރަޙައްދީ ސެންޓަރުތަކުގައި ކާރިސާތަކަށް އިޖާބަދޭނެ މަރުކަޒުތަކާއި، ރެސްކިއު ޚިދުމަތްތައް ސެންޓްރަލައިޒް ކުރެވުމުން މުޅި ރާއްޖޭގެ ރައްކާތެރިކަން އިތުރުވެއެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި، ތޫފާންތަކުގައި އެމްއެންޑީއެފް އަދި ކޯސްޓްގާޑުގެ ސަރަޙައްދީ ކޮމާންޑް ސެންޓަރުތަކުން އަވަސް އިޖާބައެއް ދެވުމާއި، ކާބޯތަކެއްޗާއި ތެލުގެ ސަރަޙައްދީ ރިޒާވްތައް އެ ކަމުގެ ޤާއިމުކޮށްފައި ބެހެއްޓޭނެއެވެ.

މި ދެންނެވި ބަދަލުތައް މި ރާއްޖެއަށް ގެނެސްދެވިއްޖެ ނަމަ، ރައްޔިތުން އެދޭ އަދި ދެކޭ ހުވަފެންތަކުގައި ފަސޭހައިން ކުލަޖެހޭނެއެވެ. ޚިދުމަތްތައް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ހިނގާ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭނެއެވެ. އިދާރީ ހިންގުން ހަރުދަނާވެ، އެ ކަމަށް ހޭދަކުރަންޖެހޭ މިންވަރު ވެސް ކުޑަކުރެވޭނެއެވެ. ފެންވަރު ރަނގަޅު ޚިދުމަތްތައް ރައްޔިތުންނަށް ލިބި އެކަމުގެ ހިތްހަމަޖެހުން ހޯދައިދެވޭނެއެވެ. މިހާރު މި އޮތް މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދު މަޑުމަޑުން މަދުވެ، މުސްތަޤުބަލަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ. ދެމެހެއްޓެވި އިޤްތިޞާދަކަށް މަގުތައް އާރާސްތުކުރެވޭނެއެވެ. ސިޔާސީ ހަމަޖެހުމާއި، އިޖުތިމާޢީ ދުޅަހެޔޮކަން ހުރިހާ ގޮތަކުން ރައްޔިތުންނަށް ފަސޭހައިން ހޯދައިދެވޭނެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button