މަގޭ ޚިޔާލު

ޤައުމީ ތަރައްޤީގައި މުދައްރިސުންގެ ދައުރު

ޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ އިންސާނީ ވަސީލަތެވެ. އިންސާނީ ވަސީލަތް ބޮޑުތަނުން ތަރައްޤީކޮށްދެނީ މުދައްރިސުންނެވެ. ތެދުތެދަށް ދަންނަވާ ނަމަ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު ބިންގާ އެޅެނީ ތަޢުލީމީ ދާއިރާގެ ތެރެއިން ކަމަށްވާއިރު، އެ ބިންގާ ވަރުގަދަކޮށް ބިނާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ މޭސްތިރިންނަކީ މުދައްރިސުންނެވެ. މުދައްރިސުންނަކީ ހަމައެކަނި ފޮތްތަކުން ފިލާވަޅު އުނގަންނައިދޭ ބައެއް ނޫނެވެ. އެއީ މާދަމާ ޤައުމު ހިންގަން ތިބި ޒުވާން ޖީލު އިލްމީ، އަޚްލާޤީ އަދި ފިކުރީ ގޮތުން ބައްޓަންކުރާ އާކިޓެކްޓުންނެވެ.

އިންސާނީ ވަސީލަތް ބިނާކުރުން

ޤައުމެއްގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނެ އެންމެހައި ޚިދުމަތްތެރީން   އުފައްދަނީ މުދައްރިސުންނެވެ. ޑޮކްޓަރުންނާއި، އިންޖިނިއަރުންނާއި، ޤާނޫނީ ވަކީލުންނާއި، އަދި ތަފާތު ދާއިރާތަކުގެ ފަންނީ މާހިރުން އުފެދިގެން އަންނަނީ މުދައްރިސުންގެ ހިކުމަތްތެރި މަސައްކަތުންނެވެ. ކުއްޖާގެ ކިބައިގައި ހުންނަ ފަރުދީ ހުނަރާއި ޤާބިލުކަން ދެނެގަނެ، އެ ކުއްޖެއްގެ ކިބައިގައިވާ ޤާބިލުކަން އެންމެ ފުރިހަމައަށް ނެރުމަށް މަގުދައްކައިދީ، ޤައުމަށް ބޭނުންތެރި އިންސާނީ ވަސީލަތަކަށް އެކުދިން ހަދައިދެނީ ވެސް މުދައްރިސުންނެވެ.

ހެޔޮލަފާ އަދި މަސްއޫލުވެރި ޖީލެއް އުފެއްދުން

އިލްމު އުނގަންނައިދިނުމުގެ އިތުރުން، ހެޔޮލަފާ އަޚްލާޤާއި ސޫލޫކު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ މުދައްރިސުންގެ މަސްއޫލިއްޔަތެކެވެ. ޤައުމީ ތަރައްޤީއަށް ޓަކައި ބޭނުންވަނީ ހަމައެކަނި ފޮތުގެ އިލްމު ލިބިފައިވާ ބަޔެއް ނޫނެވެ. އެއާއެކު އަމާނާތްތެރި، އިސްލާމީ ރީތި އާދަކާދަތަކަށް ހުރާމަތްތެރިކޮށްހިތާ އަދި މުޖުތަމަޢުގެ މަސްއޫލިއްޔަތު ނަގަންކެރޭ އިޞްލާޙީ މުވާޠިނުން ޤައުމަށް ބޭނުންވެއެއވެ. ދަރިވަރުންގެ ހިތްތަކުގައި ސުލޫކީ ރަނގަޅު ސިފަތައް އަށަގަންނުވައި، ސާލިޙު ޖީލެއް ބައްޓަންކުރުމުގައި މުދައްރިސުން އަދާކުރަނީ ހަމައެކަނި ކުރާ ތަޢުރީފަކުން އަގުނުކުރެވޭ ފަދަ ބޮޑު ދައުރެކެވެ.

ޤައުމީ ރޫޙާއި ލޯބި އާލާކުރުން

ޤައުމެއްގެ ދެމިއޮތުމާއި އެކުވެރިކަން ގުޅިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ހިތްތަކުގައިވާ ޤައުމީ ލޯބީގެ މައްޗަށެވެ. މުދައްރިސުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ތާރީޚާއި، ސަގާފަތާއި، މާދަރީ ބަހަށް އޮންނަ ލޯބި އިތުރުކޮށްދެއެވެ. ޤައުމުގެ އިސްތިޤްލާލާއި އަމާންކަން ދަމަހައްޓައި، ޤައުމީ މަޞްލަޙަތު އިސްކުރާނެ ބަޔަކަށް ދަރިވަރުން ހެދުމަށް ޓަކައި ޤައުމީ ރޫޙު އާލާކޮށްދިނުމަކީ މުދައްރިސުން ކުރައްވާ ވަރަށް މުހިންމު މަސައްކަތެކެވެ. އިހާ އަދި ފަހުގެ ތާރީޚުތަކުގައި ޤައުމަށް ކުރިމަތިވި ނުރައްކާތަކުން އައްޑަނައަކަށް އެ އަބްޠާލުންގެ މޭ ދިއްކުރި މައިސަބަބަކީ މުދައްރިސުންނެވެ.

އީޖާދީ އަދި ފިކުރީ ވިސްނުން އަށަގެންނެވުން

ހަލުވިކަމާއެކު ބަދަލުވަމުންދާ ޒަމާނީ ދުނިޔޭގައި ޤައުމީ ތަރައްޤީ ހޯދޭނީ އީޖާދީ ފިކުރާއި އައު ހޯދުންތަކަށް ސިކުނޑިތައް ހުޅުވާލައިގެންނެވެ. މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދެނީ ހަމައެކަނި ދަސްކުރުމުގެ އާދައެއް ނޫނެވެ. މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަމާއި، ފާޑުކިޔުމާއެކު ފިކުރުކުރުމުގެ (ކުރިޓިކަލް ތިންކިންގ) ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގަންނުވައެވެ. މީގެ ސަބަބުން، ޤައުމަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދައިދޭނެ ތޫނުފިލި، އުފެއްދުންތެރި ޖީލެއް ބިނާވެގެންދެއެވެ.

ޝައްކެއްނެތެވެ. މުދައްރިސުންނަކީ ޤައުމުގެ އާރާސްތުކުރާ މައިބަދައެވެ. ޤައުމެއްގެ އާރޯކަމާއި ކުރިއެރުން ގުޅިފައިވަނީ އެ ޤައުމެއްގެ ތަޢުލީމީ ފެންވަރާއެވެ. އަދި ތަޢުލީމީ ފެންވަރު މަތިވަނީ މުދައްރިސުންގެ އިޚްލާޞްތެރި މަސައްކަތުންނެވެ. ތަރައްޤީގެ މަގުގައި ޤައުމު ކުރިއަށްދާނީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ހައްޤު مقام ދީގެންނެވެ. އެންމެ ބޮޑު މުސާރަލިބޭ ބަޔަކަށް މުދައްރިސުން ވެގެންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button