މަގޭ ޚިޔާލު

ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ލިސްޓުން ފުރަތަމަ ދުނިޔޭގެ ޤައުމަކަށް ސިންގަޕޫރު ބަދަލުކުރި ހަރުދަނާ ސިޔާސަތު

ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ލިސްޓުން ފުރަތަމަ ދުނިޔޭގެ ޤައުމަކަށް ސިންގަޕޫރު ބަދަލުކުރި ހަރުދަނާ ސިޔާސަތަކީ، މިއަދު މި ދިވެހިރާއްޖޭގައި ވެސް ހިންގަންޖެހިފައިވާ މުހިންމު ސިޔާސަތެކެވެ. ސަބަބަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް މި ޤައުމުގެ ވެރިކަމަށް ކޮންމެ މީހަކު ވެސް އަންނަނީ ތަރައްޤީގެ ހެޔޮ މެނިފެސްޓޯއެއް ވިއްކައިގެން ކަމަށް ވުމެވެ. އެ ގޮތުން މިއަދުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވެރިކަމަށް ވަޑައިގެންނެވީ ދިވެހީން އެދޭފަދަ ހެޔޮ ވެރިކަމެއް    ކޮށްދެވުމަށް ޓަކައެވެ. ތަރައްޤީގެ ގޮތުން ވެސް ދިވެހީން އެދޭ ފަދަ އިންޤީލާބީ ބަދަލެއް މި ޤައުމަށް ގެނެސްދިނުމަށެވެ. ވެރިކަމުގެ ފުރަތަމަ އަހަރުތެރޭ ޤައުމު ބަގްރޫޓުވާނެ ކަމަށް އެމްޑީޕީ މީހުން ދުށް މި ރާއްޖެ، ރައީސް މުޢިއްޒު ގެންގެޅުއްވި އަދި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަގްރޫޓުނުވެ ސަލާމަތްކުރުމަށް ފަހު ފެށި އެތައް  ސަތޭކަ މަޝްރޫޢެއް ރައީސް މުޢިއްޒުގެ ދުވެލީގައި ނިމެމުންދާތަން ނުފެނުމުގެ އެއް އަސްލަކީ ޤައުމުގައި ފައިސާ ނެތުމެވެ. ޤައުމު ވެއްޓިފައި އޮތް އަނދަވަޅުން ނެގުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ މިންވަރަށް ބައިތުލްމަލުގައި ނެތުމެވެ. ނުވަތަ ލިބެމުން ނުދިޔުމެވެ. ދަރަނިއަދާކުރުމަށް ފަހު މަޝްރޫޢުތައް ނިންމާނެ ފައިސާ ނެތުމެވެ.

ދިވެހީންގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާވާހަކަ ފަތުއަޑުކިޔާ ވަރަށް ދެއްކިއަސް މިއީ މި ޤައުމުގައި އަލަށްކުރާ ކަމެއް ނޫންކަން ގިނަ ދިވެހީންނަށް އެނގެއެވެ. ކުރީގެ ސަރުކާރުތަކުން ވެސް އެކަން ކުރެއްވިއެވެ. މާމޮޅު ސިޔާސީ ބަޔަކަށްވެގެން އެ ރައީސުން މިއަދު އެ ވާހަކަ ދެއްކިއަސް އެމީހުން ވިއްކި ބިންތަކުން މި ޤައުމުގެ ރައްޔިތުންނަށް ލިބުނު މާބޮޑު މަންފާއެއް ނެތެވެ. ކުރީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ކަނޑުން ބަހާލި ބިންތައް ހިއްކާ ރައީސް މުޢިއްޒު މާލޭ ރައްޔިތުންނަށް ދެއްވީ، އަދި ދެއްވަމުން އެ ގެންދަވަނީ ހަމައެކަނި މާލޭ ރައްޔިތުންގެ އަތުން ލިބުނު ޓެކްސްފައިސާއިން ހިއްކައިގެން ވެސް ނޫނެވެ. އެ ބިންތަކުގެ ޙައްޤުވެރީންނަށް އަތޮޅުތެރޭގެ ނިކަމެތި ރައްޔިތުން ވެސް ވެއެވެ. ނަމަވެސް ހައްޕުކިޔައިގެން އަތޮޅުތެރޭގެ ނިކަމެތީން ތިބީއެވެ.

ހަތަރު ހާހަށް ވުރެ ގިނަ އަހަރު ވެފައިވާ މި ޤައުމު ނުވަތަ ދިވެހީންގެ ޙަޟާރަތް ދިވެހީން އެދޭފަދަ ސިންގަޕޫރަކަށް ބަދަލުކުރެވޭނީ ބޮޑެތި ފޮރިން އިންވެސްޓްމަންޓްތައް ގެނެސްގެން ކަމަށް ގިނަ ދިވެހީން ޤަބޫލުކުރެއެވެ. އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވެގެން އުޅެނީ އެކަން ޑޮކްޓަރ މުޢިއްޒު ކުރައްވާތީއެވެ. ދިވެހީން އެދޭ ތަރައްޤީ މި ޤައުމަށް ހޯއްދަވައި ދެއްވާތީއެވެ.

އެމްޑީޕީން ހުރަސްއެޅި ރަސްމާލެ ރައީސް މުޢިއްޒު ހިއްކަވަމުން އިންވެސްޓަރުން ހޯއްދަވަމުން ގެންދާތަން ފެނި، ރަސްމާލެ ޖަވާހިރަކަށް އެ ވެރީންނަށް ވެގެން އެ އުޅެނީ ރައީސް މުޢިއްޒަށް ދެ ވަނަ ދައުރެއް ލިބިދާނެތީއެވެ. ފަހަރެއްގައި ވެސް ގޯތިގެދޮރު އަޅާނެ ބިންނެތިގެންނެއް ނޫނެވެ. އެތާގައި ފައްޅި އަޅާ ނެތީއެއްވެސް ނޫނެވެ. ފައްޅިއަޅާ ނަމަ 99 އަހަރަށް ކުރީގެ ސަރުކާރުތަކުން ވިއްކި ބިންތަކުގައި ވެސް ހުންނާނީ ފައްޅިއަޅައިފާތާއެވެ.

ރައީސް މުޢިއްޒަށް ވުރެ ބޮޑަށް މާތްވެގެންވާ އިސްލާމްދީން، މި ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކުރެއްވި އަދި ކުރައްވަމުން އަންނަ ވެރިއަކު އެބަ ހުންނެވިތޯއެވެ. ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރައްވަމުން އަންނަ މަސައްކަތްޕުޅާއި، އެ ކަމަށް ދެއްވަވައި އަހަމިއްޔަތުކަމާއި، ޚަޠީބުން އުފެއްދުމަށް ކުރައްވަމުން ގެންދަވައި މަސައްކަތްޕުޅާއި، ވަގުފު ޢިމާޤރާތްތަކާއި، ޤުރުއާން ކުލާސްތަކާއި، މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތައް ބިނާކުރައްވަމުން ގެންދަވައި ގެންދެވުމާއި، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާއި އަދި ފައްޓަވަން ނިންމަވައިފައިވާ އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިސްލާމީ ޝަޙްޞިއްޔަތު މި ރާއްޖޭގައި ވަރުގަދަކުރެއްވުމަށް އެ މަނިކުފާނު އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކެވެ.

މި ފަސްގަނޑަށް ބަލަހައްޓައިގެން ހުރެގެން ލިބޭނެ މޮޅުތަކެއް ހޯދޭނެ ކުރިއެރުންތަކެއް އެބަ އޮތްތޯއެވެ. ވެރިކަންކޮށްފަ ކޮންމެ ރައީސަކު ވެސް ވަޑައިގަންނަވަނީ ދަރަނިތަކެއް އުފައްދަވައިފައެވެ. ރައްޔިތުންނަށް ޙައްޤު މިންވަރު ހޯއްދަވައި ނުދެވިއެވެ. ރައްޔިތުން އެދޭ ބަދަލު މި ޤައުމަށް ގެނެސް ނުދެވިއެވެ.

ލީ ކުއާން ޔޫގެ ލީޑަރޝިޕްގެ ދަށުން “3ވަނަ ދުނިޔޭގެ” ނިކަމެތި ޤައުމެއް ގޮތުގައި ސިންގަޕޫރު އޮތް އޮތުން ނިމުމަކަށް ގެންނަވައި “ފުރަތަމަ ދުނިޔޭގެ” މުއްސަނދި، ކުރިއަރާފައިވާ އިޤްތިޞާދީ ބާރަކަށް، ސިންގަޕޫރު ބަދަލުކުރެއްވީ ބޮޑެތި ފޮރިން އިންވެސްޓްމަންޓްތައް ގެނެސްގެންނެވެ. ތިރީހަކަށް އަހަރުތެރޭ އެ ބޮޑު އިންޤިލާބީ ބަދަލު، ލީ ކުއާން ޔޫ ގެންނެވި ގޮތުގެ ފިލާވަޅަކީ މި ދަނޑިވަޅުގައި ދިވެހީން އުނގެނެންޖެހޭ މުހިންމު ބައެކެވެ.

އަމިއްލަ ޤުދުރަތީ ވަސީލަތެއް ސިންގަޕޫރުގައި ނެތުމުގެ ސަބަބުން، ބޭރުގެ އިންވެސްޓްމަންޓްތައް (އެފްޑީއައި) ސިންގަޕޫރަށް ގެންނެވިއެވެ. ބޭރުގެ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތައް ސިންގަޕޫރަށް ގެންނެވިއެވެ. އެމެރިކާއާއި، ޔޫރަޕުގެ ބޮޑެތި އިޤްތިޞާދީ ބާރުތަކާއި އަދި ޖަޕާނުގެ ބޮޑެތި ކުންފުނިތަކަށް ކަރަންޓްރޯނިކްސް އަދި މެނުފެކްޗަރިންގ ސިނާއަތްތައް ސިންގަޕޫރުގައި ގާއިމްކުރުމުގެ ފުރުޞަތުތައް ދެއްވިއެވެ. ޓެކްސް ޢިނާޔަތްތަކާއި، ކަންކަން އަވަސްކޮށްދޭ ބިއުރޯކްރެސީއެއް އުފައްދަވައިގެން އިންވެސްޓަރުން އިތުބާރު ލީ ކުއާން ޔޫ ހޯއްދެވިއެވެ.

ބައިނަލްއަޤުވާމީ ވިޔަފާރިއާއި ލޮޖިސްޓިކް ހަބަކަށް ސިންގަޕޫރު ހެއްދެވިއެވެ. އެ ގޮތުން ސިންގަޕޫރުގެ ޖިއޮގްރަފީ ވަސީލަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިއްޕަވައި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަރުކަޒަކަށްސިންގަޕޫރު ބަދަލުކުރެއްވިއެވެ. ދުނިޔޭގައި، އެންމެ އަވަސް އަދި އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދޭ ޕޯޓު ސިންގަޕޫރުގައި ގާއިމްމުރެއްވިއެވެ. ޗަންގީ އެއާޕޯޓު ހައްދަވައި އޭވިއޭޝަން ހަބަކަށް ސިންގަޕޫރު ބަދަލުކުރެއްވިއެވެ.

މާލީ މަރުކަޒަކަށް ނުވަތަ ފައިނޭންސިއަލް ހަބަކަށް ވެސް ސިންގަޕޫރު ހެއްދެވިއެވެ. 1970ގެ އަހަރުތަކުގައި އޭޝިއާގެ މާލީ މަރުކަޒަކަށް ސިންގަޕޫރު ބަދަލުކުރެއްވިއެވެ. ސިންގަޕޫރު ޑޮލަރަކީ ދުނިޔޭގެ ނިސްބަތުން އެންމެ ވަރުގަދަ އެއް ފައިސާއަށް  ހެއްދެވިއެވެ.

އިގްތިޞާދީ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ކޮރަޕްޝަނަށް “ޒީރޯ ޓޮލަރެންސް” ނުވަތަ އެއްވެސް ޖާގައެއް ނުދިނުމެވެ. އެ ގޮތުން ސިވިލް ސަރވަންޓުންނާއި ވަޒީރުންނަށް ބޮޑު މުސާރައެއް ދީގެން ކޮރަޕްޝަން ހުއްޓުވިއެވެ. ޤާނޫނުގެ ސިޔާދަތު (Rule of Law) ވަރުގަދަކޮށް، ވިޔަފާރިވެރިންނަށް އަމާން އަދި އިންސާފުވެރި މާހައުލެއް ކަށަވަރުކޮށްދެއްވިއެވެ.

ގުދުރަތީ ވަސީލަތެއް ނެތުމުން، ސިންގަޕޫރުގެ އެންމެ ބޮޑު ރައުސްމާލަކީ އެ ޤައުމުގެ ރައްޔިތުންކަން ލީ ކުއާން ޔޫ ޤަބޫލުކުރެއްވިއެވެ. އެ ގޮތުން އިނގިރޭސި ބަހަކީ ވިޔަފާރިއާއި ތަޢުލީމީ މައި ބަސް ކަމުގައި ހަމަޖައްސަވައި، ދުނިޔޭގެ މާކެޓަށް ރައްޔިތުން އަހުލުވެރިކުރުވިއެވެ. ސައިންސާއި، ޓެކްނޮލޮޖީ އަދި މެތެމެޓިކްސް (STEM) އަށް އިސްކަންދީގެން ތައުލީމީ ނިޒާމު ބައްޓަންކުރެއްވިއެވެ.

ހައުސިންގ ޑިވޮލޮޕްމަންޓް ބޯޑު އުފައްދަވައި،ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދީ، %90 އަށްވުރެ ގިނަ ރައްޔިތުންނަކީ އަމިއްލަ ގޭގެ ވެރިންކަމުގައި ހެއްދެވިއެވެ. އަދި ރައްޔިތުންގެ މުސާރައިން ބައެއް ރައްކާކުރެވޭ މުވައްޒަފުންގެ ޕެންޝަން ފަންޑެއް އުފައްދަވައި، އެ ފަންޑުގެ ބޭނުން އިގްތިޞާދީ ތަރައްޤީއަށް ކުރެއްވިއެވެ.

ލީ ކުއާން ޔޫގެ މި އިގްތިޞާދީ މޮޑެލް (“Singapore Model”) އަކީ މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކުން ނަމޫނާއަކަށް ބަލައިގަންނަ ކާމިޔާބު މޮޑެލެކެވެ.

އެހެންކަމުން މި މޮޑެލްއަށް ދިވެހިރާއްޖެ ތަރައްޤީކުރެއްވުމަށް ރައީސް ޑޮކްޓަރ މުޢިއްޒު ފައްޓަވައި، ބޮޑެތި ފޮރިން އިންވެސްޓަރުން ގެންނެވުމަށް ކުރައްވަމުންއަންނަ މަސައްކަތްޕުޅަށް، ފުރުޞަތު ދެއްވުމަކީ ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާވެ، ތަނަވަސްވެ، ތަރައްޤީގެ މަގުގައި އުސްކުރިބޯއްޓަށް ވާސިލްވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ދިވެހި އިޤްތިޞާދީ ދުވެލި މެކުހަށްޖަހާނެ ކަމެކެވެ. ރައްޔިތުންނަށް ޙައްޤު މިންވަރު ހޯއްދަވައިދެއްވުމަށް މަގުފަހިކޮށްދޭނެ ކަމެއް ވެސް މެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button