މަގޭ ޚިޔާލު

ދެ އިންތިޚާބު އެއް ތާރީޚެއްގާ ބޭއްވުމަށް އާނއެކޭ ބުނުން މުހިންމު

2026 އެޕްރީލް 4 ވަންަ ދުވަހު ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދިނުމަކީ ވަރަށް މުހިންމު އަދި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެވެ. އޭރުން 2028 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބު އޮންނާނީ އެއް ދުވަހެއްގައެވެ. މި ކަމުގެ ސަބަބުން އިންތިޚާބީ ނިޒާމު ހަރުދަނާވެ އެއް ދުވަހެއްގައި، ކުޑަ ޚަރަދަކުން އިންތިޚާބު ނިންމާލެވޭނެއެވެ.

މިއީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ޚާއްޞަކޮށް ފުދުންތެރިކަން ކުޑަ ޤައުމުތަކަށް އެންމެ ފައިދާ ހުރި ގޮތެވެ. ލެޓިން އެމެރިކާގެ ގައުމުތަކުގައި މިހާރު ވެސް ޢަމަްލުކުރަމުން އަންނަނީ  މި ގޮތަށެވެ. ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތަކުގައި ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު ބާއްވަނީ އެއް ދުވަހެއްގައެވެ. ތުރުކީ އަދި އިންޑޮނޭޝިޔާގައި ވެސް ދެ އިންތިޚާބު ބާއްވަނީ އެއް ތާރީޚެއްގައެވެ. މި ގޮތަށް އިންތިޚާބު ބޭއްވުމުން، އިންތިޚާބީ އެއް ބުރުގެ ތެރޭގައި ރައީސާއި، މަޖިލިސް މެންބަރުން އިންތިޚާބު ކުރެވެއެވެ.

ދިވެހިރާއްޖެއަށް ބަލައި އިރު ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުގެ ވާހަކަ އެންމެ ބާރަށް އޭރު ދެއްކީ އެމްޑީޕީ މީހުންނެވެ. ޚާއްޞަކޮށް ދާދި އިއްޔެކާ ޖެހެންދެން ރައީސް ނަޝީދު ވެސް ބޭނުންފުޅުވީ އެއް ތާރީޚެއްގައި ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު ބާއްވާށެވެ. ރައީސް ޞާޅިޚް ބޭނުންފުޅުވީ 3 އިންތިޚާބު ވެސް އެއް ތާރީޚެއްގައި ބާއްވާށެވެ. އެމްޑީޕީއަށް މި ގޮތް މިއަދު ކަމުނުދިޔަ މައިގަނޑު ސަބަބަކީ އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ވޯޓު ނަންގަވަން އުޅުއްވުމެވެ.

ސިޔާސީ ޕާޓީތަކަށް ބަލައި އިރު ކޮންގްރެސް ޕާޓީން ނަގަން ނިންމި ފެންނަ ނުފެންނަ ވޯޓަށް ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްޑީއޭއިން ވެސް ވަނީ އާނއެކޭ ބުނަން ނިންމާފައެވެ.

މި ގޮތަށް ދެ އިންތިހާބު އެއް ތާރީޚެއްގައި ރާއްޖޭގައި ބޭއްވިއްޖެ ނަމަ، ސަރުކާރުގެ ބަޖެޓަށް ކުރާ ބާރު ކުޑަ ކުރެވެއެވެ. އެންމެ ފަހަށް ނިމިދިޔަ ގައުމީ އިންތިހާބުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބަށް 146.5 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ހޭދަކޮށްފައި ވެއެވެ. މި ދެ އިންތިހާބު އެއް ތާރީޚެއްގައި ބޭއްވުމުން 40 އިންސައްތަ ސަލާމާތްކުރެވުނަސް ޤައުމުގެ ތަރައްޤީއަށް އޭގެ ހެޔޮ އަސަރުކުރާނެއެވެ.

އަހަރަކު ދެ ފަހަރު އިންތިހާބު ބާއްވާނަމަ، ސިޔާސީ ޕާޓީތަކާއި، އެކްޓިވިސްޓުންނާއި، ކެމްޕޭން ޓީމުތަކާއި، ފަންޑުކުރާ ފަރާތްތަކާއި ވޮލަންޓިއަރުން ވެސް އެ މަސައްކަތަށް ދެ ފަހަރަށް ނެރެން ޖެހެއެވެ. ހަމައެއާއެކު، އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުން ރަޖިސްޓްރީކުރުމާއި، ހޭލުންތެރިކުރުމާއި، ޝަކުވާތައް ބަލައި ނިންމުމާއި، ވޯޓު ގުނައި ނަތީޖާ އިއުލާނުކުރުމަށް ވެސް ދެ ފަހަރު މަސައްކަތްކުރަން ޖެހެއެވެ. މީގެ އިތުރުން، ސަލާމަތީ ހިދުމަތްތަކުން ވެސް ދެ ފަހަރަށް އިންތިހާބުގެ މާހައުލަށް ނުކުންނަން ޖެހެ އެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ނިޒާމީ ގޮތެއްގައި ރޭވިގެން އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން، ހަރަދު ކުޑަވެ ހިންގުން ހަރުދަނާވުމުގެ އިތުރުން، އިންތިޚާބު ހިންގާ ފަރާތްތަކަށާއި، އޮބްޒާވަރުންނަށް އެ މީހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ވަގުތާއި ފުރުސަތު ލިބިގެންދާނެއެވެ. ޤައުމީ އިންތިހާބަކަށް ރައްޔިތުން ދޭ ސަމާލުކަން މިހާރަށް ވުރެ ބޮޑުވާނެއެވެ. އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ނަތީޖާ އެއްފަހަރާ ލިބުމުން، ސިޔާސީ ބާރުވެރިކަން ބެހިފައި އޮތް ގޮތާ މެދު އުފެދޭ އިންތިޒާރާއި، ނުތަނަވަސްކަން ވެސް ކުޑަވެގެންދާނެއެވެ.

މީގެ އިތުރުން އިންތިޚާބީ ހުންތަކުން ސަލާމަތްވެ، ޤައުމުގެ ތަރައްޤީއާ، ޤައުމު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މީގެ ސަބަބުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ.

އަބަދު އިންތިޚާބުތައް ބޭއްވުމަކީ ޤައުމުގެ ހަމަޖެހުމާއި، މަޞްލަޙަތަށް ވެސް ލޮޅުންތަކެއް އަރާނެ ކަމެކެވެ. ނުޤަވާޢިދުން ކަންތައްތަކެއް ނުހިނގިއަސް ހިނގިކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުން އިތުރުވާނެ ކަމެކެވެ. ކޮރޮޕްޝަންގެ ތުޙުމަތުތައް އިތުރަށް އަޅުވާނެ ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ކެންޕޭންތަކުގެ އަޑުފަށްގަނޑުން ޤައުމު އިތުރަށް ހަލަބޮލިވާނެ ކަމެކެވެ. ޅަދަރިންނާއި، ބަލިމީހުންނާއި، މުސްކުޅިންނަށް ހަމަ ނިދި ލިބުމަށް އުނދަގޫވާނެ ކަމެކެވެ. ކިޔަވާ ކުދިންނަށް ކުރިމަްތިވާ ތުރާތައް އިތުރުވާނެ ކަމެކެވެ. މަލާމާތުގެ ފޮޓޯތަކާއި، ވީޑިޔޯތައް ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުން ފެންނަ މިންވަރު ގިނަވާނެ ކަމެކެވެ. ފާޑުފާޑުގެ ހަޖޫޖެހުމުގެ ލަވަތަކާ އޯޑިޔޯތައް ބޮޑުތަނުން އިތުރުވާނެ ކަމެކެވެ.

އެހެންކަމުން މި ކަންކަމަށް ދިވެހި ރައްޔިތުން ފިސާރި ސަމާލުވެ 2026 އޭޕްރީލް 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނުމަކީ ޤައުމުގެ ލާބަޔަށް ޓަކައި އެންމެން ވެސް ނިންމަންޖެހޭ ބޮޑު ނިންމުމެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button