ފަހުގެ ޗެންޕިއަން ކެލައަށް، ފުރަތަމަ މެޗު ނާކާމިޔާބު ވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި، އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ގައި އެންމެ ފަހުގެ ޗެންޕިއަން، ކެލާ ވެޓެރަންސް ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗު ނާކާމިޔާބުވެއްޖެއެވެ.
ރޭ ހަނިމާދޫއާއެކު ކުޅުނު މެޗު 3 ސެޓް 1 ސެޓުން، ކެލާ ޓީމު ބަލިވިއަސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށް ސަޕޯޓަރުން ބުނެފައި ވެއެވެ.
35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮއްގެން ނިޔާ އެކަޑެމީން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އެ ޢުމުރުގެ މީހުން ވެސް ކުޅިވަރަށް އަޙުލުވެރިކުރުވާ، ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއެކު، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް ތަނަވަސްކޮށްދިނުމެވެ.
10 ޓީމެއް ދެ ގުރޫޕަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ހދ. އަތޮޅުގެ ބައެއް ރަށްރަށް ވާދަކުރެއެވެ. މި ހިނގާ ސެޕްޓެންބަރު މަހުގެ 4 -18 އަށް މުރައިދޫގައި ކުރިއަށްދާ މި މުބާރާތުގައި ކެލާ ހިމެނިފައި ވަނީ ގުރޫޕު އޭގައެވެ. މި ގުރޫޕުގައި ހއ. ކެލާއާއި، ހދ. ހަނިމާދުގެ އިތުރުން ހިމެނިފައި ވަނީ ހއ. ވަށަފަރާއި، ހދ. ފިނޭއާއި އަދި މުބާރާތް ބާއްވާ ރަށް ކަމުގައިވާ ހއ. މުރައިދޫއެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ.




