ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް އައިޝަތު ނަބީހާ އަމީނަށް ލިބިއްޖެ

މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް މި އަހަރު ޙާޞިލްކުރި ހަތް ދަރިވަރުންގެ ތެރޭގައި ހއ. ކެލާ ކާނިގަސްދޮށުގޭ އައިޝަތު ނަބީހާ އަމީން ހިމެނިއްޖެއެވެ.
ނަބީހާއަށް، ސްކޮލަރޝިޕާއި އިނާމު ހަވާލުކޮށްދެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.


މި ސްކޮލަރޝިޕަކީ ވޭތުވެދިޔަ އަހަރު ބޭއްވުނު އޭލެވެލް އިމްތިޙާނުގެ ފަސް މާއްދާއިން “އޭ ސްޓާ” ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދި 7 ދަރިވަރުންގެ ތެރޭގައި ނަބީހާ ހިމެނިފައިވާތީ ދެއްވި ސްކޮލަރޝިޕެކެވެ. ނަބީހާގެ އިތުރުން މި އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބުނީ:
- ލީން އަހުމަދު ތޯރިގު، ސީއެޗްއެސްއީ
- ޔަޝާ ޝާފީ ޝަފީގު، ސީއެޗްއެސްއީ
- މާއިޝް މުފީދު، ސީއެޗްއެސްއީ
- ހުސައިން ޔަމީން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު
- އައިޝަތު ލީން އަބްދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒު
- ލައިލް ހުސެން ހަމީދު، އަރަބިއްޔާ
އޭލެވެލް އިމްތިހާނުގައި މާއްދާތަކުން ވަކި ނަތީޖާއެއް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ އެވޯޑެއް ދެ އެވެ. އެއީ:
- ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕް
- ދިވެއްސާއި އިސްލާމް ހިމެނޭ ގޮތަށް ފަސް މާއްދާއަކުން އޭ ގްރޭޑް ހޯދާ ދަރިވަރުންނަށް ދޭ ‘ހައި އެޗީވާސް އެވޯޑް’



