އިޙްތިރާމްއަދާކުރުމުގެ ޤައުމީ ކެމްޕޭނުގެ ލޯގޯކަމަށް ތިބާ ނިންމާނީ ކޮން ލޯގޯއެއް!

ލޯގޯ ފަރުމާކުރުމަށް ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސެޕްޓެންބަރު 14 ވަނަ ދުވަހު، ހުޅުވާލި ފުރުޞަތުގައި ހުށަހެޅި 22 ލޯގޯ ރޭވަނީ ދައްކާލައިފައެވެ. އަދި ރޭވަނީ އާންމުންގެ ވޯޓަށް ވެސް އެ ލޯގޯތަކުގެ ތެރެއިން 10 ލޯގޯއެއް ހުޅުވާލައިފައެވެ.
އާންމު ރައްޔިތުންގެ ވޯޓަށް އޭގެ ތެރެއިން 10 ލޯގޯއެއް ހުޅުވާލީ، ފަނޑިޔާރުންގެ ޓީމުން އިވެލުއޭޓްކުރުމަށް ފަހުގައެވެ. އެންމެ ކަމުދާ ލޯގޯއަށް ވޯޓުދެވޭނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ވޯޓުގެ ސުންގަޑިއަކީ މި ހިނގާ އޮކްޓޯބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ 00:00 އެވެ.
މި މުބާރާތުގެ އެއް ވަނައަށް ހޮވޭ ލޯގޯއަށް 60،000 (ފަސްދޮޅަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެއް ވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބާއްވާ ޚާއްޞަ އިޙުތިފާލުގައި ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހި މުޖުތަމަޢުން ފަނޑުވަމުންދާ އިޙްތިރާމްކުރުމުގެ ރީތި އިސްލާމީ އަދި ޤައުމީ އާދަ އަލުން ދިރުވައި އަށަގެންނެވުމަށް ޓަކައި، ޤައުމީ ފެންވަރުގެ ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޚާއްޞަ ޝިޢާރަކީ “އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ” އެވެ.
މި ޤައުމީ މުހިންމު މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިތުރުން ދަޢުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. މަޝްރޫޢުގެ ކަންކަން އެންމެ ފުރިހަމައަށް ވިލަރެސްކުރުމަށް ޓަކައި އެ ދާއިރާގެ ފަންނީ ތަޖުރިބާކާރުން ހިމެނޭހެން 9 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އަދި މި ކެމްޕޭނުގައި ރާއްޖޭގެ އެތައް މީޑިއާއަކުން އަންނަނީ ބައިވެރިވަމުންނެވެ. ތިލައުތުރު ނޫހަކީ ވެސް މި ޤައުމީ ކެމްޕޭނުގައި ބައިވެރިވެފައިވާ މީޑިއާއެކެވެ.




