އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މައުރަޒު ޖުލައި 26ގައި

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މައުރަޒު، މި އަހަރުގެ މިނިވަންދުވަހު ބާއްވާ ގޮތަށް ހަމޖެހިފައިވާ ކަމަށް އެ ކޮމިޓީގެ ރައީސް ޙައްވާ ފަޒުނާ ވިދާޅުވެއްޖެއެވެ.

ތިލައުތުރު ނޫހަށް ފަޒުނާ މަޢުލޫމާތު ދެއްވި ގޮތުގައި ކެލާގެ ކަނބަލުންނަށް ހުޅުވާލައިގެން ބާއްވާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ޖުލައި މަހުގެ 26ވާ އާދީއްތަ ދުވަހު ހަވީރު 4.00ގައި ކެލާގައި ހުންނަ ލިލީ ޕްރީ ސުކޫލުގައެވެ. ކާބޯތަކެތީގެ މި މައުރަޒުގައި ތައްޔާރީ ކާނާއާއި، ރަށުގެ ދަނޑުވެރިން ހައްދާ ތަކެތީގެ އިތުރުން ކާބޯތަކެއްޗާ ގުޅުން ހުރި ތަފާތު ބާވަތް ލިބެންހުންނާނެއެވެ.

ފަޒުނާ ވިދާޅުވި ގޮތުގާއި މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކެލާގެ ކަނބަލުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކުރުމާއި، ރަށުން ލިބެން ހުރި ތައްޔާރީ ކާނާއާއި، ހައްދާ ތަކެތި ފަސޭހައިން އެއްތާކުން ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ އިތުރުން ޑަބްލިޔޫޑީސީގެ މާލިއްޔާތު މުއްސަނދިކުރުމެވެ.

މައުރަޒުގައި ބައިވެރިވުމުގެ ދޮރު އަދިވެސް އޮތީ ހުޅުވިފައި ކަމަށްވާތި، ކަނބަލުންގެ ފުރިހަމަ އެއްބާރުލުން މި އަހަރުގެ މައުރަޒަށް ވެސް ލިބިގެންދާނެ ކަމަށް ކެލާ ޑަބްލިޔޫޑީސީން އުންމީދުކުރައްވައެވެ.



