ކެލާގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި

ކެލާގެ މުއައްސަސާތަކާ ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކެލާ ކައުންސިލުން އިންތިޒާމުކުރި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.
މި އަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން ހިންގި ސާފުކުރުމުގެ މި ޙަރަކާތް ބާއްވާފައި ވަނީ އިއްޔެއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރުކަމުން ގިނަ ޢަދަދެއްގެ ކުނިބުނިން މުޅި ގޮނޑުދޮށް ފުރިފައިވާކަން ފާހަގަކުރެވުނެވެ.
މި ޙަރަކާތުގައި ސާފުކޮށްފައި ވަނީ ކެލާގެ ހުޅަނގު ފަރާތު ގޮނޑުދޮށެވެ. މިއީ މި އަހަރުގެ ތިމާވެށި ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ޑަބްލިޔޫޑީސީން ރޭވި ޙަރަކާތްތަކުގެ އެއް ބޮޅެވެ.

ނިމިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަސް އިންދުމުގެ އިވެންޓެއް ވެސް ޑަބްލިޔޫޑީސީއާއި، ކައުންސިލު ގުޅިގެން ކެލާގައި ބާއްވާފައެވެ. މި އިވެންޓުގައި ވެސް ރަށުގެ މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާތައް ބައިވެރިވިއެވެ.




