ކެލާގެ އައްވަލުލް ޙާފިޡަށް މަރުޙަބާ ދެންނެވުމަށް ކެލާ ޔޫތު ފޯރަމުން ޙަފުލާއެއް ބާއްވައިފި

ކެލާ ޔޫތު ފޯރަމްގެ ފަރާތުން އެ ޖަމްޢިއްޔާގެ ހޯލުގައި ރޭ ބޭއްވި ޝަރަފުގެ މި ޙަފުލާގައި އަލްޙާފިޡު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހުގެ އިތުރުން އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކެލާގެ އައްވަލުލް ޙާފިޒަށް މަރުޙަބާދެންނެވުމަށް ރޭ ބޭއްވި މި ޙަފުލާގައި އެ ޖަމްޢިއްޔާއިން ޢައްޔާޝަށް ވަނީ ރަތްދޫލައިގާ މަރުޙަބާ ދަންނަވާފައެވެ.
ކެލާގެ ކައުންސިލްގެ ރައީސާއި، މެންބަރުންނާއި، ޑަބްލިޔޫޑީސީގެ ރައީސާއި، ކެލާ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ އިތުރުން ޖަމްޢިއްޔާގެ ކަންކަމުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތައް ވެސް ބައިވެރިވި މި ޙަފުލާގައި ޢައްޔާޝްގެ ކާމިޔާބުގެ ޝަރަފުގައި، ޚާއްޞަ ފިލައެއް ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާނު ވަނީ އަލްޙާފިޡު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހަށް އަރުވާފައެވެ.

ކެލާ ޔޫތު ފޯރަމަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވެސް އެ ޖަމްޢިއްޔާ ވަނީ ބަލައިގެން ކިޔެވުމުންނާއި އަދި ހިތުން ކިޔެވުމުގެ ގޮފިން ފަޚުރުވެރި އެއް ވަނަ ޙާޞިލްކޮށްފައެވެ.
ރޭ އޮތް މި ޙަފުލާގައި ޙާފިޡު ޢައްޔާޝްގެ މަންމައާއި، ބައްޕަ ވެސް ބައިވެރިވެލެއްވިއެވެ.





