ޚަބަރު

ހިޖުރައިގެ މަތިވެރި ޢިބުރަތްތަކާ މެދު ފުންކޮށް ވިސްނައި، ދަރުސް ލިބިގަތުމަކީ މިއަދު ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެއް: ޚުޠުބާ

ހިޖުރައިގެ މަތިވެރި ޢިބުރަތްތަކާ މެދު ފުންކޮށް ވިސްނައި، ދަރުސް ލިބިގަތުމަކީ މިއަދު ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެއް ކަމަށް އިއްޔެގެ ޚުޠުބާގާ ގޮވައިލައްވައިފިއެވެ. ހިޖުރީ އައު އަހަރާ ގުޅޭގޮތުން އިއްޔެ އިއްވި ޚުޠުބާގާ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ތާރީޚީ ހިޖުރައިގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަފައި ވެއެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.

އިއްޔެގެ ޚުޠުބާގާ ހާމަކުރެއްވި ގޮތުގައި ހިޖުރައިގެ މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމެއް ނޫނެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ.

އިއްޔެގެ ޚުޠުބާގާ ކީރިތި ރަސޫލާ ﷺ މައްކާއިން ނުކުމެވަޑައިގެންނެވީ އެކަލޭގެފާނު އެންމެ ލޯބިފުޅުވި އުފަން ބިމާއި، ގާތްތިމާގެ ބޭފުޅުން އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާން ކުރަށްވަމުން ކަމަށް ހާމަކުރެއްވިއެވެ. އަދި އުންމު ސަލަމާއާއި އަބޫސަލަމާގެ ޢާއިލާ ވަކިވެދިޔަ ދިއުމާއި، ޞުހައިބުއްރޫމީ އެކަލޭގެފާނުގެ މުޅި މުދާ ދޫކޮށްލެއްވި ދޫކޮށްލެވުމަކީ ދީނަށް ޓަކައި ވީ މަތިވެރި ޤުރުބާނީތަކެއް ކަމަށް ޚުޠުބާގާ ހާމަކުރެއްވިއެވެ. އަދިހަމައެހެންމެ ހިޖުރައިގެ ދަތުރުފުޅަކީ ރޭވުންތެރިކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ހާމަކުރައްވާފައި ވެއެވެ.

އިއްޔެ އިއްވި ޚުޠުބާގާ ކޮންމެ ދަތި ޙާލަތެއްގައި ވެސް މާތް ﷲއަށް ވަކީލުކުރުމުގެ މުހިންމުކަން ހިޖުރައިން ދަސްކޮށްދޭ ކަމަށް ހާމަކުރެއްވިއެވެ. އެ ގޮތުން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު، ދެ ބޭކަލުންނާއެކު ތިންވަނަ ފަރާތެއްގެ ގޮތުގައި މާތް ﷲ ވޮޑިގެންވާކަމަށް ރަސޫލާ ﷺ ދެއްވި ޔަޤީންކަމަކީ އީމާންކަމުގެ ވަރުގަދަ މިސާލެއް ކަމަށް ޚުތުބާގައި ވަނީ ހާމަކޮށްފައެވެ.

ޚުތުބާ ނިންމާލައްވައިފައި ވަނީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން ޢިބުރަތް ލިބިގަނެ، އިސްލާމްދީނާ ޚިލާފު ކަންކަން ދޫކޮށް، މާތް ﷲއާއި، އެކަލާނގެ ރަސޫލާގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރުމަށް ގޮވައިލައްވަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button