މަގުހެދުމުގެ މަސައްކަތް ހިނގަމުންދާތަން ނުފެނުނަސް ލައްކަ މަސައްކަތް މިހާރު ހުރީ ކޮށްފަ

ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ފެށި މަސައްކަތް ބޮނޑުނިގުލަށް ގޮސް ނިމުނީހެން ބަޔަކަށް ހީވިއަސް ލައްކަ މަސައްކަތް މިހާތަނަށް އައިއިރު ހުރީ ކޮށްފައެވެ.
ވަކިފަރާތަކަށް ބުރަނުވެ އެއްޗެއް ދަންނަވާ ނަމަ ދެންނެވެން އޮތީ، މަގުތަކުން އެ މަންޒަރު ލޮލަށް ނުފެނުނަސް ބަލަން ބޭނުން ބަޔަކަށް އެ މަސައްކަތާ ގުޅޭ އެތައް މަސައްކަތްތަކެއް މިހާރު ވެސް ކޮށްފައިވާތަން އެ ހުރީ ރަށުގެ ރޯޑު ކޯޕަރޭޝަން ސައިޓުތަކުން ފެންނާށެވެ.

ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، މިހާރު މަސައްކަތް ފައްޓާފައިވާ ވަތަބަނޑޭރިމަގުގެ ދެ ފަރާތުގެ ކާނުތައް ހަދާ ނިންމޭ ވަރަށް މިހާރު ވަނީ ކާސްޓްކުރަންޖެހޭ އެއްޗެހި ކާސްޓްކޮށްފައެވެ. މަދުވަނީ މަގުހުރަހަށް އަޅައި ހޮޅިކޮޅެވެ.
ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދާ ރޯޑް ކޯޕަރޭޝަނުން ވިދާޅުވީ ކެލައަށް ފޮނުވާ އިންޖިނޭރު ވެސް މިހާރު ހުރީ ހަމަޖެހިފައިވާ ކަމަށާ، ވަރަށް އަވަހަށް އިންޖިނޭރު ވެސް ކެލައަށް ފޮނުވައިދޭނެ ކަމަށެވެ. އިންޖިނޭރު ދިޔުމުން މަސައްކަތްތައް ބާރު ސުޕީޑުގައި ކުރިއަށްދާތަން ފެންނާނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ފެންފޮނދު ދޭތެރެދޭތެރެއިން މިހާރު ބިމަށް ޖެހިއަސް މީގެ ހަފުތާއެއްގެ ކުރިއާ ހަމައަށް ރަށުގެ މަގުތައް އޮތީ ހިރަފުހުން ދުންޖަހައިފައެވެ.
އެއްގެއިން އަނެއް ގެއަށްދާ މީހާވެސް އަނގަމަތި ނިވާނުކޮށް ދެވޭ ވަރަށް ވުރެ ރަށް އޮތީ ހިރަފުސްވެފައެވެ. އަރާބޫޓު ނުވަތަ ފައިވާނަށް ދެ ވަނަ ފަހަރު އަރައިލެވެނީ ދޮވެ ނުވަތަ ސާފުކޮށްގެންނެވެ. ކުރުކޮށް ދަންނަވާ ނަމަ ދެންނެވޭނީ މަގުތައް އޮތީ ސިމެންތިއަށް ވެފައިކަމެވެ.
މި އުނދަގުލުން ކެލާ ރައްޔިތުން އަރައިގަނެ، އުފާވެރިކަން ގެނެސްދެއްވުމަށް ކެލާގެ މަގުތައް ޒަމާނީފެންވަރަށް ހައްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިދެއްވާ ފެށި މަޝްރޫޢު ހަލުއިކަމާއެކު ކުރިއަށް ދިޔުމަކީ ކެލާގެ ކޮންމެ ރައްޔިތަކު ވެސް ނުހަނު ބޮޑަށް ބޭނުންވާ ކަމެކެވެ.





