އަމިއްލަ މީސްމީހުންގެ ގޭގޭގައި ހިންގަމުން އައި ކެލާ ޕޮލިސް ސްޓޭޝަނަށް އަމިއްލަ ޢިމާރާތެއް

ރައީސް ޔާމީންގެ ޒަޢާމަތުން ފެށިގެން އަމިއްލަ މީސްމީހުންގެ ގޭގޭގައި ހިންގަމުން އަންނަ ކެލާ ޕޮލިސް ސްޓޭޝަނަށް އަމިއްލަ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކެލާގާ އަންނަނީ ކުރަމުންނެވެ.
ރޯޑް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 2 ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން އޮފީސް ޢިމާރާތުގެ ތަނބުތައްޖަހައި ނިންމާ މަތީ ބީމުއަޅަން މިހާރު ތައްޔާރުވެފައިވާ އިރު، ކުށްވެރިން ބައިތިއްބާ ޢިމާރާތުގެ ފައުންޑޭޝަން މިއަދު ވަނީ އަޅައިފައެވެ.

ކިތަންމެ ކުށް މަދު ރަށަކަށް ކެލާ ވިއަސް، ޕޮލިހުންގެ ޚިދުމަތަކީ ކެލައަށް ވެސް މުހިންމު ޚިދުމަތެކެވެ. އެތައް ގޮތަކުންނެވެ. ރަށުގެ އަމަންއަމާންކަމާ ޞުލްޙަ މަސަލަސްކަމަށެވެ. ދިމާވާ، އަދި ދިމާވެދާނެ މައްސަލަތަކެއްގެ ހައްލަށެވެ.
އެހެންކަމުން މަޑު ގިޔަރުގައި މިހާރު ހިނގަމުންދާ ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ މަސައްކަތް ހަލުއިކަމާއެކު ގެންގޮސް ނިންމާ، އެ ތަނުގެ ޚިދުމަތް ރައްޔިތުންނަށް އަވަސް ތާރީޚެއް ލިބޭނޭ ގޮތް ވުމަކީ މުހިންމު ކަމެކެވެ.




