ސިހުރުހާހޫރައަކީ އިސްލާދީނުގައި ބޮޑުވެގެންވާ ފާފައެއް: ޚުޠުބާ

ސިހުރުހާހޫރައަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަމަށް ޚުޠުބާގައި ހާމަކޮށްފިއެވެ. މި ކަން ހާމަކުރެއްވީ ” ސިހުރުހާހޫރައިގެ ނުބައިކަން” މި މައުޟޫޢަށް 2026 ޖުލައި 17 ވަނަ ދުވަހު، މިއަދު މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ. ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި ސިހުރުހާހޫރައަކީ އިންސާނާގެ އީމާންކަން ފުނޑުފުނޑުކޮށްލާ ޝިރުކުގެ ޢަމަލެކެވެ.
އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ސިހުރުވެރިންގެ ކިބައިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމާއި އެނޫންވެސް ހާލަތްތަކުގައި ސިހުރުވެރިންގެ އެހީތެރިކަން ހޯދުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން ޙަޤީޤަތެއްކަން ސާބިތުވާ ކަމެކެވެ. ހަމައެފަދައިން ސިހުރު ހަދާ މީހުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދުމަށް މާތް ﷲ އަމުރުކުރައްވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ހާމަކުރެެއްވި ގޮތުގައި ސިހުރުވެރިއަކަށް ވެވެނީ ޝައިޠާނާއަށް ފުރިހަމައަށް ކިޔަމަންވެ، މާތް ﷲ އަށް އުރެދި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމުންނެވެ. ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވިވަރަކަށް އޭނާގެ ސިހުރުގެ ބާރުގަދަވާކަން ފާހަގަކޮށް، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
މިއަދުގެ ޚުޠުބާގައި ފެންނަ ހުވަފެނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުގެ ސަބަބުންވާ ކަންކަން ކަމަށް ބަލައި ސިހުރުވެރިންގެ ފަހަތުން ދިއުމުގެ ބަދަލުގައި، މާތް ﷲ އަށް ވަކީލުކޮށް، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދިފަރުވާ ހޯދުމުގައި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް ގޮވާލެއްވިއެވެ.
ޚުޠުބާ ނިންމާލާފައިވަނީ، ސިހުރުވެރިންގެ މަކަރާއި ޙީލަތުން ރައްކާތެރިވެ، ދީނީ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސްކުރަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.




