ޚަބަރު

އަމާނާތްތެރިކަމުގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި، މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމެއް ހިމެނޭ: ޚުޠުބާ

އަމާނާތްތެރިކަމުގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމެއް ހިމެނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މި ކަމަށް ގޮވާލައްވާފައި ވަނީ “އަމާނާތްތަކަށް ރައްކާތެރިވުން” މި މައުޟޫގެ ދަށުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އިއްވި ހުކުރު ޚުޠުބާގައެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް މިއަދުގެ ޚުޠުބާ ވެސް ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.  

މިއަދުގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި އަމާނާތްތެރިކަމަކީ ހަމައެކަނި މީހުން ރައްކާކުރަން ޙަވާލުކުރާ މުދަލަށް ރައްކާތެރިވުން ނޫނެވެ. އަމާނާތުގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި، މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމެއް ހިމެނެއެވެ. ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޙައްޖުވުމުގެ އިތުރުން ތެދުބަސް ބުނުމާއި ދަރަނި އަދާކުރުމަކީ ވެސް އަމާނާތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން ޚުތުބާގައި ހާމަކުރެއްވި ގޮތުގައި އިންސާނާގެ ގުނަވަންތަކަކީ ވެސް އަމާނާތެކެވެ. އެ ގޮތުން ލޮލުން ޙަރާމް ތަންތަނަށް ނުބެލުމަށާއި، ކަންފަތުން ޙަރާމް އަޑުތައް ނޭހުމަށާއި، ދުލުން މީހުންގެ އަބުރު ކަތިލުމާއި، ޣީބަބުނުމުން ދުރުހެލިވުމަށް ވެސް ޚުޠުބާގައި ނަޞޭޙަތްތެރިވެފައި ވެއެވެ. އަދި ދަރިންނަކީ ވެސް އަމާނާތެއް ކަމަށް ހާމަކުރައްވާ، އެ ކުދިން ހެޔޮގޮތުގައި ތަރުބިޔަތު ނުކޮށްފިނަމަ ޚިޔާނާތްތެރިވެވޭނެ ކަމަށް ޚުތުބާގައި ބަޔާންކުރެއްވިއެވެ.

ޚުތުބާގައި ހާމަޖކުރެއްވި ގޮތުގައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ، އަމިއްލަ މީހެއްގެ މުދަލަށް ޚިޔާނާތްތެރިވުމަށްވުރެ ބޮޑެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް ވާތީއެވެ. ހަމައެހެންމެ، ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ ވެސް އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް ޚުޠުބާގައި ހާމަކުރެއްވިއެވެ.

ޚުތުބާ ނިންމާލެއްވީ، އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް މާތް الله އަމުރުކުރައްވާފައިވާކަން ހަނދާންކޮށްދީ، ދިރޭތަކެއްޗާއި ތިމާވެއްޓަކީ ވެސް އަންނަން އޮތް ޖީލުތަކަށް ޓަކައި ހަވާލުކުރެވިފައިވާ އަމާނާތެއް ކަމުގައި ދެކި، އެތަކެއްޗަށް ރައްކާތެރިވުމަށް ގޮވާލައްވަމުންނެވެ. އަދި މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button