169 ވަނަ ފިލާވަޅު: ރޯދަ ދޫކޮށްލުން ހުއްދަ މީސްތަކުން

(2)ދަތުރުވެރިޔާ ( ދެވަނަ ބައި )
(6)ދަތުރުވެރިޔާ ރޯދަ ދޫކޮށްލައިފިނަމަ ، އެއިންސާނާއަށް ރޯދަެދޫކޮށްލި ދުވަސްތަކުގެ ބަދަލުގައި އެހެން ދުވަސްތަކެއްގައި އެރޯދަތައް ޤަޟާކުރުން ވާޖިބުވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު
(7)ދަތުރުވެރިޔާ ދަތުރުގައި ވަނިކޮށް ރަމަޟާންމަސް ވަދެއްޖެނަމަ ، ފަހެ މިހާލަތުގައި ރޯދަ ދޫކޮށްލެވިދާނެއެވެ. ( ވަންނާނީ ދަތުރުވެރިއެއްގެ ޙުކުމަށެވެ.) ■ މުސްލިމުންގެ އިއްތިފާޤު
(8)ދަތުރަށްފުރީ ރަމަޟާންމަސް ތެރޭގައެވެ. އަދި ރަށުން ނިކުތީ ފަތިސްވުމުގެ ކުރިންނެވެ.ފަހެ މިހާލަތުގައި އެދުވަހު ރޯދަ ދޫކޮށްލުމާއި އަދި އެދުވަހުގެ ފަހުންވާ ދުވަސްތައް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ (އެއީ ދަތުރުވެރިއަކަށްވާތީއެވެ.) ■ 4 މަޛްހަބު
(9)ދަތުރަށް ފެށީ އަދި ރަށުން ނިކުތީ ރަމަޟާންމަހު ދުވާލުގެ ވަޤުތުގައެވެ.( އެބަހީ : ފަޖުރުގެ ފަހުންނެވެ) . ފަހެ މިހާލަތުގައި ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ (އެއީ ދަތުރުވެރިއަކަށްވާތީއެވެ.) ■ މަޛްހަބު ޙަންބަލީ ، ޝާފިޢީ މަޛްހަބުގެ މުޒަނީގެ ބަސްފުޅު ، ބައެއް ސަލަފުން ، އިބްނު މުންޒިރު ، އިބްނު ޢުޘައިމީން
(10)ރަށަށް އެނބުރި އައީ ދުވާލުގެ ވަޤުތު ރޯދަ ދޫކޮށްލާފައިވާ ހާލުކަމުގައިވާނަމަ : ދެން އެދުވަހު ބާކީ ބައިގައި ( އެބަހީ : އިރު އޮއްސެންދެން ) ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.
(1)އެދުވަހު ބާކީ ބައިގައި ( އެބަހީ : އިރު އޮއްސެންދެން ) ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނާކަށް ނުޖެހޭނެ ■ މާލިކީންގެ ބަސްފުޅެއް ، ޝާފިޢީން ، ޙަންބަލީންގެ ރިވާޔަތެއް ، އިބްނު ޢުޘައިމީން
(2)އެދުވަހު ބާކީ ބައިގައި ( އެބަހީ : އިރު އޮއްސެންދެން ) ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެ ■ ޙަނަފީންގެ ބަސްފުޅެއް ، ޙަންބަލީން ، ޝާފިޢީންގެ ވަޖުހެއް ، ބައެއް ސަލަފުން ، އިބްނު ބާޒު
(11)ދަތުރުވެރިޔާ ދަތުރުކުރާ ވަސީލަތަކަކީ ފަސޭހަ ވަސީލަތްކަމުގައިވެފަ : ދަތުރުވެރިޔާއަށް ދަތުރުގައި އުނދަގޫ ކަންތައްތައް އިޙްސާސްވިޔަސް ނުވަތަ ނުވިޔަސް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު (އިބްނު ތައިމިއްޔާ )
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم