”މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026”ގައި ކެލާ ވާދަކުރަނީ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި، އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ގައި އެންމެ ފަހުގެ ޗެންޕިއަން، ކެލާ ވެޓެރަންސް ވޮލީ ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް މި މުބާރާތުގެ އެންމެ މޮޅު ވެޓެރަންސް ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވާ ޢަލީ ޒިޔާމު ވިދާޅުވެއްޖެއެވެ.
ތިލައުތުރު ނޫހަށް މައޫލޫމާތު ދެއްވަމުން ޢަލީ ޒިޔާމު ވިދާޅުވީ، ހއ. އާއި ހދ. އަތޮޅުގެ 10 ރަށަކުން ވާދަކުރާ މި ވެޓެރަންސް ވޮލީ މުބާރާތުގައި، އެ ޓީމުން ކުޅޭ ފުރަތަމަ މެޗު މި މަހުގެ 4 ގައި ހަނިމާދޫއާއެކު ކުޅުމަށް ހަމަޖެހިފައިވާ ކަށެވެ.
ނިޔާ އެކަޑެމީން ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، 35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮއްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އެ ޢުމުރުގެ މީހުން ވެސް ކުޅިވަރަށް އަޙުލުވެރިކުރުވާ، ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއެކު، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް ތަނަވަސްކޮށްދިނުމެވެ.
މި ހިނގާ ސެޕްޓެންބަރު މަހުގެ 4 -18 އަށް މުރައިދޫގައި ކުރިއަށްދާ މި މުބާރާތުގައި ކެލާ ހިމެނިފައި ވަނީ ގުރޫޕު އޭގައެވެ. މި ގުރޫޕުގައި ހއ. ކެލާއާއި، ހދ. ހަނިމާދުގެ އިތުރުން ހިމެނިފައި ވަނީ ހއ. ވަށަފަރާއި، ހދ. ފިނޭއާއި އަދި މުބާރާތް ބާއްވާ ރަށް ކަމުގައިވާ ހއ. މުރައިދޫއެވެ.
ގުރޫޕު ބީގައި ހިމެނެނީ ހދ.ނޮޅިވަރަމާއި، ހއ. ދިއްދޫއާއި، ކުޅުދުއްފުށީ ސިޓީއާއި، ހއ. ފިއްލަދުއާއި އަދި ހއ. ބާރަށެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ.




