މަލިކުދަނޑިޖެހުމާއި، ބޮޑުމަސް ބޭނުން ނިމިއްޖެ!

ޢީދު ޙަރަކާތުގެ ތެރޭގައި ހިމެނޭ މަލިކުދަނޑިޖެހުން އިއްޔެ ހަވީރު ކެލާގައި އޮތެވެ. މާލޭގައި ދިރިއުޅޭ ކެލާގެ ބައެއް ރަށްވެހިން ވެސް ބައިވެރިވި މި ޙަރަކާތުގައި މާލީ ދަނޑިޖެހުމައި ފިރިހެނުންގެ ދަފިނެގުން ވެސް އޮތެވެ.
ކެލާގެ ކުޅިވަރު ޒޯނުގައި ކުރިއަށް ދިޔަ މި ޙަރަކާތުގައި ވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވިއެވެ.

ކެލާގެ ޢީދު ޙަރަކާތުގައި ރޭ އޮތީ، ބޮޑުމަސް ބޭނުމާއި މާލިލަވަ ކިޔުމެވެ. އިހުގެ ސަޤާފަތް ދިރިދާ ގޮތަށް ކުރިއަށް ދިޔަ މި ޙަރަކާތްތައް ވެސް އެހައިމެ ފޯރިގަދައެވެ. ބޮޑުމަސް ބޭނުމަކީ މުޅި ރާއްޖޭގެ އެންމެންގެ ސަގާފަތުގައި ހިމެނޭ ކަމަކަށްވިއަސް އެކި ރަށްރަށުގައި މި ޙަރަކާތް ކުރިއަށް ގެންދަނީ އެކި ގޮތަށެވެ.

މާލި ލަވަ ކިޔުމަކީ އެންމެ އެވޭލާ އިރުންސުރެ ކެލާގައި ވެސް ކުރާ ކަމެވެ. މި ކަން އިހުގައި ކުރި ގޮތަށް ބަލައި އިރު މިއީ މި ރާއްޖެއަށް އިސްލާމްދީން އައުމުގެ ކުރީގެ ކުޅިވަރެއް ކަމަށް ބޮޑަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ މިހާރަކަށް އައިސް މާލިލަވަ ކިޔަނީ މި ފަދަ ޢީދުތަކުގައިކަމަށް ވިއަސް އޭރު މާލި ލަވަކިޔައިއުޅުނީ ހަނދު ބޮޑުވާ ދުވަސްވަރުގައިކަމަށް ވުމެވެ. އަދި މާލިހެދުމުގައި ޖިންސު އޮޅޭ ފަދަ ހެދުންތައް އެޅުމާއި، އަޑުބަދަލުކޮށް ވާހަކަދެއްކުމަކީ ވެސް ބުދުދީން މި ރާއްޖޭގައި އޮތް އިރުގެ ކުޅިވަރެއްކަން ދޭހަވާ ކަމެކެވެ. މީގެ އިތުރުން މާނަކަތާއި، ފުސްނަކަތުގައި މާލިކުޅުމަކީ ވެސް މި ކަމަށް ބާރުލިބޭ ކަމެކެވެ.

މިހާރު ކެލާގެ އިތުރުން އަދި މި ކަމަށް އެންމެ އަރާހުރި މި އަތޮޅު ފިއްލަދޫގައި ވެސް މާލި ލަވަކިޔައިއުޅެނީ އިހު ދިވެހީން މި ކަން ކުރި ބީދައަކުން ނޫނެވެ. މިހާރުކުޅެނީ މުނިފޫހިފިލުވައިދޭ ޙަރަކާތެއްގެ ގޮތުގައެވެ.



