ހޫނު ޚަބަރުޚަބަރު

އެފްއޭއެމްގައި ބަސްބުނުމާއި ވޯޓުދިނުމުގެ ޙައްޤު ދިއްދޫއަށް ލިބިއްޖެ

ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ މެންބަރުކަން ހއ. ދިއްދޫއަށް ލިބިއްޖެއެވެ. މިއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ކުރިއަރުވައި ފުޅާކުރުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިއްދޫއަށް ލިބިގެން ދިޔަ ވަރަށް މުހިންމު ފުރުޞަތެކެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދާއިމީ މެންބަރުކަން ދިއްދޫގެ އިތުރުން ގދ. ގައްދޫއަށް ވެސް ވަނީ ދެއްވާފައެވެ. އަތޮޅުތެރޭގެ ދެ ރަށެއް މި ފުރުޞަތު ދެއްވުމަށް ފާސްކުރެއްވީ އެފްއޭއެމްގެ ކޮންގްރެސްއިން ރޭގައެވެ.

ދިއްދޫއާއި، ގައްދޫއަށް މި ފުރުޞަތު ދެއްވުމަށް ފާސްކުރެއްވީ އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް، އަތޮޅުތަކުގެ ޓީމުތަކަށް އެސޯސިއޭޝަންގެ މުހިންމު ނިންމުންތަކުގައްޔާއި ވާދަވެރި މުބާރާތްތަކުގައި ފުރިހަމަ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ގައްދޫއާއި، ދިއްދޫއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ ދެ ރަށެވެ.

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް އަލަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ އެންމެ ޝަރަފުވެރި ލީގުން ފުރުސަތު ހޯދާފައިވާ އަތޮޅުތެރޭގެ ޓީމުތަކަށް ދާއިމީ މެންބަރުކަން ލިބުމުން، އެފްއޭއެމްގެ އިންތިޚާބުތަކުގައި ވޯޓުލުމާއި ބަސްބުނުމުގެ ހައްގު ލިބޭނެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފުޓްބޯޅަ ތަރައްގީކޮށް، ޤައުމީ ފެންވަރުގައި ވާދަކުރުމުގެ ހަމަހަމަ ފުރުޞަތު ހުރިހާ ދިމާއަކަށް ފަހިކޮށްދިނުމަކީ އެފްއޭއެމްގެ ވަރަށް މުހިންމު ސިޔާސަތެކެވެ. އަދި ކޮންގްރެސްއިން ފާސްކުރި މި ނިންމުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު އިތުރު ކުރިއެރުމެއްކަމުގައި ބެލެވެއެވެ.

ދިއްދޫ ހޯދި ފަޚުރުވެރި މި ކާމިޔާބަށް ޓަކައި ތިލައުތުރު ނޫހުގެ ފަރާތުން ހޫނު މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. ހއ. އަތޮޅުގެ އެންމެހައި ރައްޔިތުން ވެސް ޤަބޫލުކުރަނީ މިއީ އަތޮޅަށް ވެސް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button