ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ކެލާގެ ތާރީޚުގެ ތެރެއަށް

ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ކެލާގެ ތާރީޚުގެ ތެރޭން ހއ. ކެލާ ދޭލިޔާގޭ ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް ޖާގަ ހޯދައިފިއެވެ. ޢައްޔާޝް ވެފައި ވަނީ ކެލާގެ އެންމެ ފުރަތަމަ ޙާފިޟަށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯވމެންޓްގެ ފޭސްބުކް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޢައްޔާޝްގެ މަންމައާއި، ބައްޕަ ވެސް ބައިވެރެިވެލެއްވިއެވެ.

ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖުން މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި ޢައްޔާޝް ޙާޞިލްކުރައްވާފައި ވަނީ 1 ވަނަ ދަރަޖާގެ ޙާފިޟުކަމުގެ ސެޓްފިކެޓެވެ. ކީރިތި ޤުރުއާން ހިތުދަސްކޮށް ޢައްޔާޝް ނިންމާފައިވަނީ މި އަހަރުގެ މާރިޗުމަހުގެ 5 ވަނަ ދުވަހެވެ.

ކެލާގެ ތާރީޚުގައި ރަން އަކުރުން ފާހަގަކުރަންޖެހޭ މި ބޮޑު ކާމިޔާބު ޙާޞިލްކުރެއްވި ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހަށާއި، ޢައްޔާޝްގެ މަންމައާއި، ބައްޕައަށް ތިލައުތުރު ނޫހުގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ތަހުނިޔާކިޔަމެވެ.




