ޚަބަރު

ފަހު ދިހައިގެ ރޭތަކުގެ ދަރުމަލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައި ގޮވައިލައިވައިފި

ފަހު ދިހައިގެ ރޭތަކުގެ ދަރުމަލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް 2026 ވަނަ އަހަރުގެ މާރިޗުމަހުގެ މަހުގެ 6 ވަނަ ދުވަހުގެ ހުކުރު ޚުޠުބާގައި ގޮވައިލައްވައިފިއެވެ. ”ރަމަޟާން މަހުގެ ފަހު ދިހަ” މި މަޢުޟޫއަށް ލިޔެފައިވާ ޚުޠުބާގައި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާ ބައްދަލުކުރާއިރު، އިތުރަށް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށާއި، އެ ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ރަޙުމަތުގެ މައްސަރު އަހަރެމެންނާ ވަކިވަމުންދާއިރު، ކުރެވުނު ހެޔޮ އަމަލުތަކާ މެދު ވިސްނައި، އިތުރު ހީވާގިކަމާއެކު އަޅުކަމުގައި މަޝްޣޫލުވުމަށް ޚުޠުބާގައި ބާރުއަޅާފައިވެއެވެ.

ހުކުރުޚުޠުބާ ފައްޓަވާފައިވަނީ އެންމެހައި ޙަމްދު ޘަނާ ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކިރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް  ކަމާއި އަޅަމެން ފާފަފުއްސެވުމަށާއި ކަންކަމުގައި އެހީތެރިކަމާއި، ވާތްގަށް އެދެނީ އެކަލާނގެ ޙަޟުރަތުންކަން ހަނދާންކޮށްދެއްވާފައިވާ ވެއެވެ. މުޙައްމަދުގެފާނީ މާތްﷲ ގެ އަޅާ އަދި ރަސޫލާކަމަށް އެކިވުމާއެކު އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި އެ މާތް ރަސޫލާގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، އަހަރުގެ ތެރޭގައި އަންނަ އެންމެ ހެޔޮ ރޭތަކަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކެވެ. މި ރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ވިލޭރޭ ﷲ ތަޢާލާ ލައްވާފައިވާކަމާއި، އެ ރޭ ކީރިތި ޤުރްއާން ބާވައިލެއްވިކަން ޚުޠުބާގައި ހަނދާންކޮށްދެއްވަފައި ވެއެވެ.

ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާން މަހުގެ ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަންނަވާ ކަމަށް ބަޔާންކުރައްވާފައި ވެއެވެ.

ޚުޠުބާ ނިންމާލަމުން ގޮވާލާފައިވަނީ، ފަހު ދިހައިގެ ރޭތަކަކީ ﷲގެ ރަޙުމަތާއި ފުއްސެވުން އިންތިހާއަށް ލިބޭ ރޭތަކަކަށް ވާތީ، ސުވަރުގެ އެދޭ ކޮންމެ މީހަކު އެ ރޭތަކުގެ ދަރުމަ ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށެވެ. ޚާއްޞަކޮށް ލައިލަތުލްޤަދުރި ވިލޭރޭ ހޯދުމަށް ފަހު ދިހައިގެ ރޭތަކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button