އެމްޕީ ޝަރީ ކަޕްގައި ކެލާ ޔޫތު ފޯރަމް ބައިވެރިވަނީ

މި ފެށޭ ޖުލައިމަހުގެ 27 ވަނަ ދުވަހު ހއ. ފިއްލަދޫގައި، ފެށުމަށް ހަމަޖެހިފައިވާ އެމްޕީ ޝަރީ ކަޕް 2025ގައި ކެލާ ޔޫތު ފޯރަމުން ބައިވެރިވާން ނިންމައިފިއެވެ.
ޖަމްޢިއްޔާގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން ވިދާޅުވި ގޮތުގައި ކުޅުންތެރިން ތިބި ނަމަ ހޭންޑް ބޯޅައާއި، ފްޓްސަލްގައި ވެސް އެ ޖަމްޢިއްޔާގެ ޓީމެއް އެމްޕީ ކަޕްގައި ވާދަކުރާނެއެވެ. ޓީމްތައް އެކުލަވައިލުމުގެ މަސައްކަތް މިހާރުކުރެވެމުންދާ ކަމަށް ތަފްޞީލް ދެއްވަމުން ޢާމިރު ވިދާޅުވިއެވެ.
ކެލާ ޔޫތު ފޯރަމަކީ ކުޅިވަރުގައި އަރުތަވެރި ކާމިޔާބުތަކެއް ހޯދާފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން ވަނީ އަތޮޅު ފުޓްބޯޅަ މުބާރާތާއި، ޒޯން ފުޓްބޯޅަ މުބާރާތާއި، ޒޯން ޗެމްޕިއަންސް ލީގް ވެސް ކާމިޔާބުކޮށްފައެވެ. ޖަމްޢިއްޔާ ހިންގުމަށް ގެނައި ބޮޑު ބަދަލާ ގުޅިގެން ކުޅިވަރުގެ ބޮޑެތި މުބާރާތްތަކުގައި އެ ޖަމްޢިއްޔާއިން ފަހުގެ ތާރީޚްތަކުގައި ވާދައެއް ނުކުރެއެވެ.
ކުޅިވަރުގެ ޤައުމީ މުބާރާތްތަކުގައި އެ ޖަމްޢިއްޔާއިން ވާދަ ނުކުރިއަސް ޤައުމީ ބައެއް މުބާރާތްތަކުގައި މިހާރުވެސް އެ ޖަމްޢިއްޔާއިން އަންނަނީ ބައިވެރިވެ ކާމިޔާބު ހޯދަމުންނެވެ. އެންމެފަހުން ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެހެނިހެން މުއައްސަސާތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން ކެލާ ޔޫތު ފޯރަމް ވަނީ 2 ވަނަ ހޯދާފައެވެ.