މުދަލަކީ އަމާނާތެއް އަދި އިމްތިޙާނެއް: ޚުޠުބާ

މުދަލަކީ އަމާނާތެއްކަމާއި އަދި އިމްތިޙާނެއް ކަމަށް ޚުޠުބާގައި ހާމަކުރައްވައިފިއެވެ. މި ކަން ހާމަކުރެއްވީ “މުދަލަކީ މާތް ﷲގެ ޙައްޤެކެވެ” މި މައުޟޫޢަށް 2026 އޮކްޓޯބަރު 9 ވަނަ ދުވަހު، އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ.
ހުކުރުޚުޠުބާ ފައްޓަވާފައިވަނީ އެންމެހައި ޙަމްދު ޘަނާ ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކިރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކަމާއި އަޅަމެން ފާފަފުއްސެވުމަށާއި ކަންކަމުގައި އެހީތެރިކަމާއި، ވާތްގަށް އެދެނީ އެކަލާނގެ ޙަޟުރަތުންކަން ހަނދާންކޮށްދެއްވާފައިވާ ވެއެވެ. މުޙައްމަދުގެފާނީ މާތްﷲ ގެ އަޅާ އަދި ރަސޫލާކަމަށް އެކިވުމާއެކު އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި އެ މާތް ރަސޫލާގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.
ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ސުވާލުކުރަންވީ އެއްކުރެވުނު މުދަލުގެ މިންވަރާ މެދު ނޫން ކަމަށާއި، އެ އިމްތިޙާނުން ކާމިޔާބު ހޯދުނުތޯ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދިހަމައެހެންމެ މުދަލަށް އޮންނަ ދަހިވެތިކަމަކީ އިންސާނާގެ ދީން ހަލާކުކޮށްލާ ނުރައްކާތެރި ކަމެއްކަން ފާހަގަކުރަމުން، ބަކަރި އައިނެއްގެ ތެރެއަށް ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން ލިބޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން ދީންވެރިކަމަށް ލިބޭ ގެއްލުން މާ ބޮޑުކަމަށް ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅަކާއެކު ޙަވާލާދެއްވާ ވިދާޅުވިއެވެ.
އިއްޔެގެ ޚުޠުބާގައި މުދާ ހޯދުމުގައި ޙަލާލު މަގު ޚިޔާރުކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވަމުން، ތެދުވެރި މަސައްކަތާއި، ހުއްދަ ވަޒީފާއާއި، ވިޔަފާރީގެ އިތުރުން ޝަރުޢީ ތަރިކައަކީ ޙަލާލު ތަކެތި ކަމުގައި ހާމަކުރެއްވިއެވެ. އަދި ރިބާއާއި، ރިޝްވަތާއި، ވައްކަމާއި، ޖުވާ އަދި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ޙަރާމް ގޮތްގޮތުން މުދާ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށާއި، ޙަރާމް ތަކެތިން ހަށިގަނޑު ހެދިބޮޑުވާ މީހުންނަށް އޮތީ ނަރަކައިގެ ގަދަފަދަ ޢަޛާބުކަމަށް ހާމަކުރެއްވިއެވެ.
މީގެ އިތުރުން ޙަލާލު ގޮތުގައި މުދާ ހޯދައި، ހެޔޮ ގޮތުގައި ހޭދަކުރާ ނަމަ މުއްސަނދިކަމަކީ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، އެންމެ މުހިންމު ކަމަކީ އެ މުދަލުގެ ސަބަބުން އަޅާއާއި ﷲ އާ ދެމެދު އެއްވެސް ހުރަހެއް ނޭޅުން ކަމަށް ވިދާޅުވިއެވެ. އަދި މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އެ މީހަކާ ދެމެދު އޮންނަ ގުޅުން ކެނޑިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވައިލެއްވީ، މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތް ވުމަށާއި، ބަލިތަކުން ސަލާމަތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހޮޔޮގޮތްވުމަށް އެދެމުންނެވެ.




