ކެލާގެ ބަނދަރު އަޕްގްރޭޑު ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކެލާގެ ބަނދަރު އަޕްގްރޭޑު ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސަޢުދީއެވެ.
މި މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ، ކެލާގައި ތަރައްޤީކުރުމަށް ރޭވިފައިވާ ފިޝަރީޒް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށެވެ.
އިއްޔެ އެމްޓީސީސީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- ބަނދަރު އަދި ނެރު ފުންކުރުން
- 8.56 ހެކްޓަރުގެ ބިން ހިއްކުން
- 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
- 692 މީޓަރުގެ ހިލަ ރިވެންޓްމެންޓް ޖެހުން
- 620 މީޓަރުގެ ޖިއޯބޭގް ރިވެންޓްމެންޓް ޖެހުން
- 132 މީޓަރުގެ ގްރޮއިން ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓަރ ހެދުން
- 6 މޫރިންގް ބޮއި ހަރުކުރުން
- 2 ނެރު ބައްތިއާއި 45 މަގު ބައްތި ހަރުކުރުން
- ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓު ހެދުން
މީގެ އިތުރުން ކޮންކްރީޓް ޖެޓީއަކާއި، ކޮންކްރީޓް ބްރިޖެއް އެޅުން ވެސް އިއްޔެ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނިފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކެލާގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތައް ނިމުމުން، ކެލާގެ ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ހުރިހާ މާނައެއްގައި ކުރާނެއެވެ.




