ޚަބަރު

މުޖުތަމަޢު ސަލާމަތްކޮށް އިޞްލާޙުކުރުމަކީ، އެންމެންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް: ޚުޠުބާ

މުޖުތަމަޢު ސަލާމަތްކޮށް އިޞްލާޙުކުރުމަކީ، އެންމެންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށް ޚުޠުބާގައި ގޮވައިލައްވައިފިއެވެ. މި ކަމަށް ގޮވައިލެއްވީ “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް 2026 އޯގަސްޓް 28 ވަނަ ދުވަހު، އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ  މުސްލިމުންނަށް ހަނދާންކޮށްދެމުންނެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި މުޖުތަމަޢުގައި އަށަގަންނަމުންދާ ނޭދެވޭ ކަންކަމުން މުޖުތަމަޢު ސަލާމަތްކޮށް އިޞްލާޙުކުރުމަކީ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެކެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް އިއްޔެ އިއްވި ޚުޠުބާގައި  ދިވެހީންނަކީ ޒަމާނުއްސުރެ މާތް اللهގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު ދިރިއުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހަކަށް އައިސް މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށް ހާމަކުރެއްވިއެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި، މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް ކަމަށާއި، މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ޢުމުރުގައި ބަރަކާތްލައްވައި ސުވަރުގެ ވަނުމަށް އޮތް މަގެއް ކަމަށް ހާމަކޮށް، ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގައި މައިންބަފައިން އެކަނިވެރިކޮށްފައި ދޫކޮށްނުލުމަށާއި، އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން، މިސްކިތުން ނަމާދުކޮށްގެން ފައިބައިގެން އައިސް ދޮރޯށި ކައިރީގައި ތިބެ ޣީބަބުނުމާއި، ފުރައްސާރަކުރުމާއި، ދޮގުވާހަކަތައް ފެތުރުން ފަދަ މިސްކިތުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ހުއްޓާލުމަށް އިއްޔެގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް ކަމަށާއި، މާތް الله އޭގެ ދަރުމަ ބޮޑުކުރައްވައިފައިވާ ކަމެއްކަން ހާމަކުރައްވަމުން ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑު ކަމެއްކަމަށް ހާމަކުރެއްވިއެވެ. ހަމައެހެންމެ ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާނޭ ކަމެއް ކަމަށް ވެސް ހާމަކުރެއްވިއެވެ.

ޚުޠުބާ ނިންމާލައްވާފައި ވަނީ މުޖުތަމަޢުގައި އެހީތެރިކަމަށް އެދިއެދި ތިބި ޔަތީމު އަދި އަޅައިލުން ބޭނުންވާ ކުޑަކުދިންނަށާއި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ އިތުރުން ލޭ އަޅާ ކުދިންނަށް އޯގާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މަތިވެރި އަޅުކަމެއްކަން ހަނދާންކޮށްދީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް މުޅި މުޖުތަމަޢަށް އިލްތިމާސްކުރަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button