ދުނިޔޭގެ ވަގުތީ އުފާލާއި ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް ޚުޠުބާގައި ގޮވައިލައްވައިފި

ދުނިޔޭގެ ވަގުތީ އުފާލާއި ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް ހުކުރު ޚުޠުބާގައި ގޮވައިލައްވައިފިއެވެ. މި ކަމަށް ގޮވައިލެއްވީ “ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޟޫއަށް 2026 ޖުލައި 31 ވަނަ ދުވަހު އިއްޔެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައެވެ.
އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.
އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ނިމުން އަންނަ ދުވަހަކީ އިންތިހާއަށް ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމުން ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނެއެވެ. ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި އާންމު ދިރިއުޅުމުގައި ބިރުވެރިކަމެއް ކުރިމަތިވާ ހިނދު ކޮންމެ މީހަކުވެސް އެހީއަށް އެދޭނީ އެންމެ ގާތް މީހާގެ ކިބައިން ކަމަށްވިޔަސް، މަޙުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދޭނެއެވެ. އަދި އެންމެ ގާތްމީހުން ވެސް އެކަކު އަނެކަކަށް ފިލަން މަސައްކަތް ކުރާނެއެވެ.
މަޙުޝަރުގެ މައިދާނުގައި މީސްތަކުން ދެބައަކަށް ބެހިގެންދާއިރު، އީމާންވެ ހެއު ޢަމަލުކުޅަ މީހުންގެ މޫނުތައް އުފާވެރިކަމުން އަލިވެގެންދާނެއެވެ. ނަމަވެސް، ކާފިރުވެ ފާފަކުރި މީހުންގެ މޫނުތަކަށް ކަޅު އަނދިރިކަން ވެރިވާނެކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އެ ދުވަހުން އަނގަ ބަންދުކުރެވި، ކުރި ޢަމަލުތަކަށް އަތްފައި، ކަންފަތް، ލޯ އަދި ހަން ފަދަ ގުނަވަންތައް ހެކިދޭނެއެވެ.
“އެ ދުވަހުން ތިބާ ވާހުށީ ތިބާ ލޯބިވާ މީހަކާ އެކުގައެވެ.” ރަސޫލާގެ މި ބަސްފުޅުން އިބުރަތް ހާސިލުކޮށް، ﷲގެ ހަޟުރަތަށް ރުޖޫޢަވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. ކުށްތަކަށް ތައުބާވެ، ފާފަތަކާ ދުރުހެލިވުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅުމަކީ މަޙުސަރުދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ހުތުބާގައި ފާހަގކުރެއްވިއެވެ.
ޚުޠުބާ ނިންމާލައްވާފައި ވަނީ ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ހަނދުމަކޮށް، ޝައިޠާނާގެ ކެހިވެރިކަމުން ސަލާމަތްވެ، ހެޔޮ ޢަމަލުކުރުމުގައި ހީވާގިވުމަށް އިލްތިމާސްކޮށްފައެވެ. އަދި އަސްލު ނަޞީބުވެރިއަކީ ނަރަކައިން މިންޖުވެ ސުވަރުގެ ލިބުނު މީހާ ކަމުގައިވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.




