އެމްޕީ ޝަރީފު، އަލްޙާފިޡު ޢަބްދުﷲ ޢައްޔާޝްއާ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ތިލަދުންމަތީއުތުރުބުރީ ކެލާގެ ފުރަތަމަ ޙާފިޡު، ޢުމުރުން 13 އަަހަރުގެ ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުﷲ ޝަރީފު ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ.
ޗައިނާގާޑަން ސީވިޔު ރެސްޓޯރަންޓްގެ ވީއައިޕީ ލައުންޖުގައި ރޭ އޮތް މި ބައްދަލުކުރެއްވުމުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޢައްޔާޝް ކުރި މަސައްކަތާއި، މިހާރު ޢަމަލުކުރަމުން އަންނަ ގޮތް އޮޅުންފިލުވުމުގެ އިތުރުން ޢައްޔާޝް ހޯއްދެވި މަތިވެރި ކާމިޔާބާއި، ފަޚުރަށް ޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެމްޕީ ޝަރީފު ބޭއްވި މި ބައްދަލުކުރެއްވުމުގައި އަލްހާފިޡު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހުގެ މަންމައާއި، ބައްޕަ ވެސްބައިވެރިވެލެއްވިއެވެ.

ރޭ އޮތް މި ބައްދަލުކޮށްލެއްވުމުގައި ޢައްޔާޝްގެ ކާމިޔާބުގެ އަގުވަޒަންކޮށް، އެ ކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ ސީލްޑަކާއި، ފައިސާގެ ހަދިޔާއެއް އެމްޕީ ޝަރީފު ވަނީ، ޢައްޔާޝްއަށް ދެއްވާފައެވެ.




