ޚަބަރު

ކެލާ ފަޅުގައި ރިސޯޓްހެދުމަށް އަލުން އިޢުލާންކޮށްފި

ކެލާ ފަޅުގައި ރިސޯޓުހެދުމަށް ކުރިން ކުރެއްވި އިޢުލާން ބާޠިލް 2025 ޖުލައި 3 ވަނަ ދުވަހު އަލުން އިޢުލާންކުރައްވައިފިއެވެ. ކުރިން އެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ކުރެއްވި އިޢުލާން ބާޠިލްކުރެއްވީ ޓުއަރިޒަމް ފުޅައިކުރެވިފައި ނުވާ އަތޮޅުތަކަށް ޚާއްޞަ ލުއިތަކެއް ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.
ޓުއަރިޒަމް ފުޅައިކުރެއްވުމަށް ޚާއްޞަ ލުއިތައް ދެއްވުމަށް ސަރުކާރުން ނިންމެވި އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅައި، ތ. އަތޮޅާއި، ލ. އަތޮޅާއި އަދި އައްޑުއަތޮޅު ހިމެނެއެވެ. މި އަތޮޅުތަކަށް ދެއްވި ލުއިތަކުގެ ތެރޭގައި އެލްއޭސީގެ އަގު ކުރިއަށްވުރެ ކުޑަކުރެއްވުމާއި، ކުއްޔަށް ދެއްވާ މުއްދަތު 50 އަހަރަށް ބަދަލުކުރެއްވުން ހިމެނެއެވެ.
ކެލާ ފަޅުގައި ގާއިމްކުރުމަށް އިޢުލާންކުރެއްވި ފުރަތަމަ ރިސޯޓުގައި 156.2 ހެކްޓަރ ހިމެނޭ އިރު، ދެ ވަނަ ރިސޯޓުގެ ބޮޑުމިނަކީ 169.3 ހެކްޓަރެވެ. މިއިން ކޮންމެ ރިސޯޓަކީ ވެސް މަދުވެގެން 150 އެނދުގެ ރިސޯޓެކެވެ. ފުރަތަމަ ރިސޯޓުގެ ފެށޭ އަގަކީ 1996740 ޔޫއެސް ޑޮލަރެވެ. ދެ ވަނަ ރިސޯޓުގެ ފެށޭ އަގަކީ 2032110 ޔޫއެސް ޑޮލަރެވެ.
މި ދެ ރިސޯޓާއި، ބީނާފުށީގައި ހެދުމަށް އިޢުލާންކޮށްފައިވާ ރިސޯޓު ހެދިއްޖެ ނަމަ ހއ. އަތޮޅުގެ ދަށްބިތުގެ އިޤްތިޞާދަށް ޚާއްޞަ ދިރުމެއް ލިބިގެންދާނެއެވެ. މި ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
ހަނިމާދޫ އެއަރޕޯޓު ހުޅުވިގެންދާ އިރު މި ހިސާބަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެ، ހއ. އަތޮޅުގެ ދަށްބިތަށް އޭގެ ނަފާ އިންތިހާއަށް ކުރާނެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button