ސްޕޯރޓްސް ފިޝިންގ ކަނދުފަތި އަޅައިފި، ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ

ކެލާގެ ޒުވާން މަސްވެރިން ބޭނުންވި، ސްޕޯރޓްސް ފިޝިންގ ކަނދުފަތި 2025 އޮކްޓޯބަރ 3 ވަނަ ދުވަހު އިއްޔެ އަޅައިފިއެވެ. ކެލާއާ 5 މޭލު ބޭރުގަ އެޅި މި ކަނދުފަތި އޮތީ ދާއިރާ އަނެއް ދެ ރަށް ކަމުގައިވާ ވަށަފަރާއި، ފިއްލަދޫއަށް ވެސް ދާދި ކައިރީގައެވެ.
ދަނޑުވެރި ރައްޔިތަކު ދިރިއުޅޭ ކެލަައަކީ އަތޮޅުގެ ނިސްބަތުން ސްޕޯރޓްސް ފިޝިންގގައި ޙަރަކާތްތެރިވާ މީހުން ގިނަ ރަށެކެވެ. މަސްވެރިކަމުގައި ޙަރަކާތްތެރިވާ ކުދި އުޅަނދު ފަހަރު ނިސްބަތުން ކެލާގައި މަދެއް ނޫނެވެ. 2400 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ކެލަގައި ދިރިއުޅޭ އާބާދީއަކީ 1500 ކަމަށްވުން އެކަށީގެން ވެއެވެ.

މި ކަނދުފަތީގެ ސަބަބުން ކެލާގެ ޒުވާން މަސްވެރިން ތިބީ ނުހަނު އުފަލުންނެވެ. އެ ކަން ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓްތަކުން އެނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އެމްޕީ ޢަބްދުﷲ ޝަރީފު ކުރެއްވި ޕޯސްޓްގައި ފަތުތުވެރިކަމުގެ ދުވަހުގައި މި ކަނދުފަތި އެޅިގެން ދިޔުމަކީ ކެލާ ދާއިރާގެ ރައްޔިތުން ވަރަށް އުފާކުރާ ކަމެއްކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި އެމްޕީގެ ޕޯސްޓްގައި ޚާއްޞަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، މިނިސްޓަރ ޝިޔާމަށް އަދާކުރައްވާފައި ވެއެވެ.
އިއްޔެ އެޅި މި ކަނދުފަތި އެޅުމުގައި ޙަރަކާތްތެރިވި ފަރާތްތަކަށް، ކެލާ ރައްޔިތުންގެ ފަރާތުން ޚާއްޞަ ފަރިވަޅެއް ވެސް ވަނީ އަރުވާފައެވެ. މި ކަން ވަރަށް ގާތުން ބައްލަވައި ސަރުކާރުގެ ތެރޭން މި ކަނދުފަތި އެޅުމުގެ ކަންކަން ފަހިކޮށްދެއްވީތީ ތިލައުތުރު ނޫހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާގެ އެމްޕީ ޢަބްދުﷲ ޝަރީފަށް ޝުކުރުއަދާކުރަމެވެ.
