ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައެޅުއްވި މާލީ އިސްލާހުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: މިނިސްޓަރ ޙަސަން ޒަރީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައެޅުއްވި މާލީ އިސްލާޙުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި ކަމަށް މިނިސްޓަރ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޙަސްން ޒަރީރު މިހެން ވިދާޅުވީ، މިއަދު ފެށި “މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައެވެ.
އެ މަނިކުފާނު ވިދާޅުވީ ނޮވެމްބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އެކަށޭނަ، އަމިއްލަ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އިސްނެންގެވި ކަމަށެވެ. އަދި އެ އިސްލާހީ އެޖެންޑާގެ މައިގަނޑު އަމާޒަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޙަސަންޒަރީރު ދެއްކެވިވާހަކަފުޅުގައި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1.4 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ހޭދަކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެވުނު މުއްދަތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތަފްޞީލުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދަރަނި އަދާކުރުމަކީ ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ނަމަވެސް، ޙަޤިޤީ އިޤްތިޞާދީ ވިލުންތެރިކަމަކީ ހަމައެކަނި ކުރިމަތިވެފައިވާ މާލީ ޒިންމާތައް އަދާކުރުން އެކަނި ނޫން ކަމަށެވެ.
ދިވެހީންގެ ކުރިއެރުމާއި ތަރައްޤީއަށް ޚާއްޞަކޮށް އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އަންނަ މަސައްކަތްޕުޅުގެ ހެޔޮ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް މިއަދު އަންނަނީ ފެންނަމުންނެވެ. ފަށައިފައިވާ އެތައް ސަތޭކަ މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަންނަނީ ހިނގަމުންނެވެ.




