ދިއްދޫގައި ކުޅުނު ދެ ވަނަ މެޗަށް ވެސް ހަމަހަމަ ނިމުމެއް

ނިއުރޭޑިއަންޓާއެކު ދިއްދޫ ޓީމު ޓީމު ދިއްދޫގައި ކުޅުނު ތާރީޚީ މެޗަށް ހަމަހަމަ ނިމުމެއް އައިފަދައިން، ދިއްދޫ ދަނޑުގައި ދިއްދޫ ކުޅުނު ދެ ވަނަ މެޗު ވެސް އިއްޔެ ނިމުނީ ހަމަހަމަ ނަތީޖައަކުންނެވެ.
ދިވެހި ޕްރިމިއަރ ލީގުގައި، ދިއްދޫ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އީގަލްސާއި، ދިއްދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ރީތި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީ އީގަލްސް ކަމަށްވިޔަސް ފަހަތުންއަރައި ދިއްދޫ ވަނީ ލީޑުވެސް ނަގައިފައެވެ. ނަމަވެސް ފަހު ވަގުތު އީގަލްސުން ލަނޑެއް ޖަހައި 2-2 އިން މެޗު ނިމުނީއެވެ. މި މެޗުގައި ދިއްދޫ ޓީމުން ލަނޑުޖެހީ ފެލިކްސްއާއި، ޓެޓޭއެވެ. އީގަލްސުން ލަނޑުޖެހީ ޖައިލަމްއާއި، ވެން ޑޭވްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދޫ ޓީމުން މޮޅުކުޅުމެއް ދައްކަމުން އަންނަ ޓެޓޭއެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއް ވާނާގައި މި ވަގުތު އޮތީ ވިކްޓަރީ ސްޕޯރޓްސް ކުލަބެވެ. އީގަލްސް އޮތީ 10 ޕޮއިންޓާއެކު ދެ ވަނާގައެވެ. 8 ޕޮއިންޓާއެކު 3 ވަނާގައި އޮތީ ނިއުރޭޑިއަންޓެވެ. 4 ވަނަގައި އޮތީ އޮޑިއެވެ. 5 ވަނާގައި އޮތީ މާޒިޔާއެވެ. 6 ވަނާގައި އޮތީ ބިސް ބުރެވެ. އިއްޔެ ލިބުނު ޕޮއިންޓާއެކު އަދިވެސް ދިއްދޫ އޮތީ 5 ޕޮއިންޓާއެކު ތާވަލުގެ 7 ވަނާގައެވެ.
ދިއްދޫއަކީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދާއިމީ މެންބަރެކެވެ. މި ފަޚުރުވެރި ކާމިޔާބާހަމައަށް ވާސިލްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ލަޠީފު، ކެނޑިނޭޅި ކުރެއްވި މަސައްކަތް މުހިންމު ދައުރެއް އަދާކުރިކަމަށް އެފްއޭއެމްގެ ރައީސް ޓޮމް ވަނީ، ވިދާޅުވެފައެވެ.




