ކެލާގެ ޚަޠީބުންގެ ލިސްޓަށް ޒުވާން 3 ޚަޠީބުން އިތުރުވެއްޖެ

ކެލާގެ ޚަޠީބުންގެ ލިސްޓަށް ޒުވާން 3 ޚަޠީބުން އިތުރުވީ، “ޒުވާން ޚަޠީބުން” ތަމްރީނުކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގުރާމު ނިންމާ މިއަދު ހެނދުނު ކެލާގެ 3 ޒުވާނަކު ސަނަދު ޙާޞިލުކުރުމުންނެވެ.
ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ، ޢުމުރުން 18 އަހަރު ނުފުރޭ އިތުރު 91 ދަރިވަރަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ހެނދުނު ވަނީ ދެއްވާފައެވެ. ޚަޠީބުންނަށް ސަނަދު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
“ޒުވާން ޚަޠީބުން” ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ފަސްވަނަ ބުރު ނިންމާ މިއަދު ސަނަދު ޙާޞިލްކުރި ކެލާގެ ތިން ޒުވާނުންނަކީ:
1. މުޙައްމަދު އަޝްޖަޢު އަޤްލަފް، ބޮންތި ހއ. ކެލާ

2. އިބްރާހީމް މަލީކު މުޙައްމަދު، މަލްވިލާ ހއ. ކެލާ

3. މުޙައްމަދު އަރުޝް އަޙްމަދު، ކަގި ހއ. ކެލާ

ޒުވާން ޚަޠީބުން އުފެއްދުމަކީ ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ. މިއަދު ސަނަދު ޙާޞިލުކުރި 91 ދަރިވަރުންނާއެކު 700 ޚަޠީބުން ތަމްރީންކުރެވިއްޖެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.
ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ޚަޠީބުން އިތުރުވުމަކީ ރަށުގެ ހައިބަތު އިތުރުކޮށްދޭނެ ކަމެކެވެ. މިއަދު ސަނަދު ޙާޞިލްކުރި ކެލާގެ ޒުވާން ޚަޠީބުންނަށް ތިލައުތުރު ނޫހުގެ ފަރާތުން ހޫނު މަރުޙަބާއާއި ތަހުނިޔާކިޔަމެވެ.


