ޚަބަރު

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް ޚުޠުބާގައި ގޮވައިލައްވިފެއެވެ. މި ކަމަށް ގޮވައިލެއްވީ 2026 އޯގަސްޓް 21 ވަނަ ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި އިއްޔެ އިއްވި ހުކުރު ޚުޠުބާގައެވެ. “މާތް ނަބިއްޔާ ދެކެ ލޯބިވުން” މި މައުޟޫޢަށް އިއްޔެ އިއްވި ޚުޠުބާގައި ސުންނަތަށް ނަޞްރުދީގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާކޮށްދެމުންނެވެ.

އިއްޔެގެ ޚުޠުބާގައި ވިދާޅުވީ ނަބީކަމާއި ރަސޫލުކަމާއިގެން މުޙައްމަދުގެފާން ފޮނުއްވުމުގެ ކުރީގައި ބުދަށާއި ގަސްގަހާގެއްސަށާއި އަލިފާނަށާއި ފެނަށާއި ހިލައަށާއި އިންސާނުންނަށް ވެސް މީސްތަކުން އަޅުކަންކުރި ކަމަށް ހާމަކުރައްވާފައި ވެއެވެ. އަދި އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކީ ކޮބައިކަން ދަންނަމީހުން ވެސް އޭރު މަދުކަން ހާމަކޮށްފައި ވެއެވެ. އޭރު ދުނިޔޭގައި އޮތީ ޖަންގަލީގެ ޤާނޫނުކަމާ، ވިޔަފާރިމުދަލެކޭ އެއްފަދައިން ބާޒާރުގައި އިންސާނުން ގަނެވިއްކިކަން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި، ޖުވާކުޅުމާއި، ރިބާގެ މުޢާމަލާތްތައް ފަދަ މުންކަރާތްތައް އޭރު ފެތުރިފައިވާކަން ހާމަކުރެއްވިއެވެ.

ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި މި ފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި، މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ، މާތް ނަބިއްޔާ މުޙައްމަދުގެފާނެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައެވެ. ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި މާތް ސާހިބާ މުޙައްމަދުގެފާނަކީ ތަޤުވާވެރީންގެ އިމާމެވެ. ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަޤާމާއި ޙައުޟޭ ކިޔުނު ފެންއާރުގެ ވެރި ސާހިބާއެވެ. ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާއަކީ ވެސް އެކަލޭގެފާނެވެ.

ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމާއި، އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، ރިވެތި އަޚުލާޤުން ޒީނަތްތެރިވުމެވެ. އަދި ޙަސަން ބިން ޘާބިތުގެ ވާހަކަ މިސާލަކަށް ނަންގަވައި، އެކަލޭގެފާނުގެ ދިފާޢުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. މީސްތަކުންގެ ގާތަށް މާތް الله ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލުބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު ކޮންމެ ޒަމާނަކު ވެސް އުޅުނެވެ. އަދި އަހަރެމެންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެވަޑައިގަތް ކަމަށާއި ނަމަވެސް މާތް الله އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި، އެކަލާނގެ ނަބިއްޔާއަށް ނަޞްރުދެއްވި ކަމަށް ޚުޠުބާގައި ހާމަކުރެއްވިއެވެ.

ޚުތުބާ ނިންމަވައިލެއްވީ، މާތް اللهއަށް ތަޤުވާވެރިވެ، އާޚިރަތުގެ ކާމިޔާބީއަށް އެދި، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުންމަތަށް ދޫކުރެއްވި ތަރިކަ ކަމުގައިވާ ކީރިތި ޤުރްއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް އެންމެހައި މުސްލިމުންނަށް ގޮވާލާފައިވެއެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button