ޚަބަރު

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން: ޚުޠުބާ

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށް ޚުޠުބާގައި ހާމަކުރައްވައިފިއެވެ.  މި ކަން ހާމަކުރެއްވީ “މަޑުމައިތިރިކަން އިސްކުރުން” މި މައުޟޫއަށް 2026 އޯގަސްޓް 7 ވަނަ ދުވަހު އިއްޔެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ. ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެކެވެ.

އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާކޮށްދެމުންނެވެ.

ޚުތުބާގައި ހާމަކުރެއްވި ގޮތުގައި ނަމާދާއި، ރޯދަ ފަދަ ފަރުޟުތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ގެންގުޅޭ ރިވެތި އުސޫލުތަކަކީ ދީނުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެކެވެ. ނަމަވެސް، މި ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ ދީނުގެ ފުރިހަމަކަމާ ގުޅިފައިވާ ކަންކަންކަން ދަންނަ މީހުން މިއަދު މަދުކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މިއަދުގެ ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އަޅުކަންތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ފެންނަމުންދެއެވެ. ޚާއްޞަކޮށް ދެބަސްވާ ހިނދު ޝަރުޢީ މިންގަނޑުތަކުން ބޭރުވުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތިންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަމަކީ މުޖުތަމަޢުގައި އިސްލާހުކުރަން ޖެހިފައިވާ ކަންކަން ކަމަށް ޚުޠުބާގައި ފާހަގަކުރައްވާފައި ވެއެވެ.

ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިސާލު ދައްކަވަމުން ޚުތުބާގައި ހާމަކުރައްވާފައި ވަނީ، އެކަލޭގެފާނު އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ. އަދި މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއްކަން ބަޔާންކުރައްވާފައި ވެއެވެ. އަދިހަމައެހެންމެ އޯގާތެރިކަމަށް މާތްﷲ ދެއްވާ ދަރުމަ ހަރުކަށިކަމަށް ނުދެއްވާކަން ވެސް ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ސާބިތުކޮށްދެއްވާފައި ވެއެވެ.

އިއްޔެގެ ޚުތުބާގައި ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫން ކަމަށާ، އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާ ކަމަށް ހާމަކުރެއްވިއެވެ. އަދި މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާއަކީ އެއީކަމަށް ވެސް ހާމަކުރެއްވިއެވެ.

ޚުޠުބާ ނިންމާލައްވާފައި ވަނީ މާތް اللهގެ ރުއްސެވުން ހޯދުމަށްޓަކައި އެކަކު އަނެކަކަށް ތަވާޟުޢުވެރިވާ، އޯގާތެރި ބަޔަކަށް ވުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button