މުޖުތަމަޢެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށް: ޚުޠުބާ

މުޖުތަމަޢެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް ޚުޠުބާގައި ހާމަކޮށްފިއެވެ. މި ކަން ހާމާކުރެއްވީ “މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާ އަދާކުރުން” މި މައުޟޫޢުގެ ދަށުން 2026 ޖުލައި 24 ވަނަ ދުވަހު އިއްޔެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައެވެ.
އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު މަސްއޫލިއްޔަތު އަދާކޮށްގެންނެވެ. އަދި މުޖުތަމަޢެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެކެވެ. ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބެންޖެހޭނެއެވެ. މާތް ނަބިއްޔާ ﷺގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް، އެ ކަމަނާގެ މައްޗަށް ޙައްދު ގާއިމުކުރައްވާނެ ކަމަށް ޙަދީޘްކުރެއްވި ބަސްފުޅު ޚުޠުބާގައި ހަނދާންކޮށްދެއްވާފައި ވެއެވެ.
އިއްޔެގެ ޚުޠުބާގައި ހާމަކުރެއްވި ގޮތުގައި އަހަރެމެން ކޮންމެ މީހަކު ވެސް މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހެއެވެ. މި ދުނިޔޭގައި އެ މީހަކު ކުރި ކަންތައްތަކާ މެދުގައެވެ. ހަމައެފަދައިން ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް އަހަރެމެން ޖަވާބުދާރީވާން ޖެހެއެވެ. ވަކީން ޚާއްޞަކޮށް ޒިންމާތަކާ ޙަވާލުވެތިބި މީހުންނެވެ.
“ދަންނާށެވެ! އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެވެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫނެވެ.” ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.
ޚުތުބާ ނިންމާލާފައި ވަނީ ވަޒީފާއަކީ އަމާނާތެއް ކަމުގައި ބަލައިގަނެ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވައިލަމުންނެވެ. އަމިއްލަ މަޞްލަޙަތަށް ވުރެ މުޖުތަމަޢުގެ ލާބައަށް އިސްކަންދިނުމަކީ ފުރިހަމަ މުއުމިނެއްގެ ސިފައެއް ކަމަށާއި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި، ރަސޫލާ ﷺ އަށް ކިޔަމަންވެ އަމާނާތްތަކަށް ޚިޔާނާތްތެރި ނުވުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި މި ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް ވެސް އެދެމުންނެވެ.



