މަގޭ ޚިޔާލު

ކެލައަށް ސަގާފީ މަރުކަޒެއްގެ ބޭނުންތެރިކަން ބޮޑު

ދިވެހި ތާރީޚުން އެނގޭ ގޮތުގައި ތިލަދުންމަތީ އުތުރުބުރީ ކެލައަކީ ދިވެހިރާއްޖޭގެ އެންމެ ގަދީމީ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ތާރީޚީ މުހިންމު ތަންތަން ހުރި ރަށެކެވެ. ބައެއް ބޯދާވާހަކަތަކުގައި ކެލާގެ ނަން އެތައް ގޮތަކަށް އައިސްފައި ވެއެވެ. މަޝްހޫރު ކެލާތުނޑީގެ ވާހަކައެވެ. އިސްދަށަށްޖަހައިގެންހުރެ ކެލާ ތުނޑީގައި ނުހިނގުމަށް ބުނެފައިވާ ވާހަކައެވެ. ފެމުނުއަރާ ފުންގަނޑުގެ ވާހަކައެވެ.   

ދިވެހިރާއްޖެ ސިފަކުރުމަށް ވެސް އެއްދުވަސް ވަރެއްގައި ކެލާގެ ނަން ބޭނުންކުރިއެވެ. ޗައިނާ މީހުންނެވެ. ބުނެވޭ ގޮތުގައި ދިވެހިރާއްޖެއަށް އެ ދުވަސްވަރު އެމީހުން ނަންކިޔައިއުޅުނީ ބައެއް ރަށްރަށުގެ ނަމުންނެވެ.  އެ ގޮތުން ބޭނުންކުރި އެއް ނަން ނިސްބަތްވަނީ ކެލައަށެވެ. “ކެލައިލޫ”އެވެ.

އެ ޒަމާނަކީ ފަންނިއްޔާތުގެ ޒަމާނެއްނޫނެވެ. މިއަދުހެން އިންޖީނުލީ އުޅަނދު ކަނޑުމަގުގައި ވެސް ދުއްވާ އުޅުނު ޒަމާނެއްނޭވެ. ބޭރުގެ އޮޑިފަހަރު ދިވެހިރާއްޖެއަށް އައިސްއުޅެނީ އިރުވާމޫސުމުގައެވެ. އިރުދޮށުން ވައިޖެހެންފެށީމައެވެ. ކަނޑުމަގުން ދަތުރުކުރާ މީހުންގެ ވަރުގަދަ ރޫޓެއްގެ އަނގަމަތީގައި ކެލާ އޮންނާތީ ކެލާގެ ނަން ޗައިނާ މީހުން ބޭނުންކުރީކަމަށް ވެދާނެއެވެ.

މީގެ އިތުރުން ކެލައަަކީ ދެ ވަނަ ބޮޑުހަނގުރާމާގައި ވެސް މުހިންމު މަރުކަޒެކެވެ. އެ ކަމާ ގުޅުން ހުރި އާސާރުތައް ވެސް ކެލާގައި އެބަހުއްޓެވެ. ތާރީޚުން ފެންނަންހުރި ހެކިތަކަށް ބަލައިއިރު ދެ ވަނަ ބޮޑުހަނގުރާމާގައި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އިނގިރޭސިން ގާއިމުތިބި އުތުރުގެ މަރުކަޒަކީ ކެލައެވެ.

ކެލާ ތުނޑީގައި ހުރި ބަޑިގެއާއި، ބުންބާބެހެއްޓި ވަޅާއި، ނަރުދަމާއާއި، ރާޅުޖަހައި ހިސާބުގައި އޮތް ބޯޓުގަނޑާއި، ފަޅުތެެރޭގައި ޖަހައިފައިވާ މަތިންދުއްވާ ބޯޓު ޖައްސާ ދަނގަޑާއި، އެ ދުވަސްވަރު ފަޅުތެރެއަށް ވެއްޓިފައިވާ މަތިންދުއްވާ ބޯޓާއި، ކެލާ ބޯޅަދަނޑަކީ މުހިންމު އާސާރުތަކެކެވެ. ދެ ވަނަ ބޮޑުހަނގުރާމައާ ގުޅިފައިވާ މުހިންމު ތަންތަނެވެ.

މީގެ އިތުރުން ލިލީ ހައުސްއާއި، ދެއްވަދޫ ރަސްގެފާނުގެ ޒަމާނުގައި ހަދައިފައިވާ ކެލާ ހުކުރު މިސްކިތާއި، މުންނާރާއި، ކެލާ ޤަބުރަސްތާނާއި އަދި ޝައިޚު އިބުރާހީމްސުކޫލުގެ ގޯތިތެރޭގައި ހުރި ނިކަގަހަކީ ކެލާގެ ތާރީޚުގެ މުހިންމު ވާހަކަތަކެއް ކިޔައިދޭ މުހިންމު ތަންތަނެވެ.

އެހެންކަމުން ދިގު މާޒީއެއް އޮތް ކެލާމީހުންގެ ވާހަކަތައް ކިޔައިދޭ މަރުކަޒެއް ކެލާގަ ހުރުމަކީ ފަތުރުވެރިކަން މެދުއުޑުގައި ފިޔަޖަހައި އޭގެން ނަފާހޯދަމުން އަންނަ މި ޒަމާނުގައި ކޮންމެހެންވެސް ކެލާގައި ހުންނަންޖެހޭ ބިނާއެއް ކަމަށް ދެކެމެވެ. ޑޮލަރުޖަހައިދޭ މެޝިންތައް އެ އާސާރުތަކުން އުފެއްދޭނީ އޭރުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button