އަދަބީ މުބާރާތްތަކުގައި ކާމިޔާބުތަކެއް ހޯދަމުން އަންނަ ޝައިޚް އިބްރާހީމް ސުކޫލު މި އަހަރުވެސް ވާދަކުރަނީ

ޖުމުލަ 2,881 ބައިވެރިންނާއެކު ޖޫން 20 ވަނަ ދުވަހު، މިއަދު ހެނދުނު 8:00 ގައި ފެށި، މަޒުމޫނު ލިޔުމާއި، ކުރުވާހަކަ ލިޔުމާއި އަދި ޅެންހެދުމުގެ ޤައުމީ މުބާރާތުގައި ކެލާ ޝައިޚް އިބްރާހީމް ސުކޫލުން އަންނަނީ ވާދަކުރަންނެވެ.
މި މުބާރާތްތަކުން ކާމިޔާބު ވަނަތަކެއް އަބަދުވެސް ހޯދަމުން އަންނަ ޝައިޚް އިބްރާހީމް ސުކޫލުގެ ދަރިވަރުން މި އަހަރުގެ މުބާރާތުގައި ވެސް ވާދަކުރަނީ އެ ވަނަތައް ތަކުރާރުކުރުމުގެ މަތިވެރި މަޤްޞަދުގައެވެ. ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފަންނީ ބައެއް އުސްތާޒުންގެ އެހީތެރިކަން ވެސް އެ ސުކޫލުން ހޯދާފައި ވެއެވެ.
މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ދިވެހިބަހުގެ އެކަޑަމީން މިއަދު ކުރިއަށް ގެންދާ މުބާރާތްތަކަކީ:
- އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41 ވަނަ ގައުމީ މުބާރާތް
- އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38 ވަނަ ގައުމީ މުބާރާތް
- ހުތްޢަލީ ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 29 ވަނަ ގައުމީ މުބާރާތް
މީގެ ތެރެއިން މަޒުމޫނު ލިޔުމުގައި 1185 ބައިވެރިން ވާދަކުރާއިރު، ވާހަކަ ލިޔުމުގައި 1131 ދަރިވަރުން ވާދަކުރެއެވެ. ޅެން ހެދުމުގައި ވާދަކުރަނީ 565 ދަރިވަރުންނެވެ.
ދިވެހިބަހުގެ އެކަޑަމީން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތުގައި ޖުމުލަ 105 ސްކޫލަކުން ވާދަކުރެއެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުގެ 23 ސްކޫލަކާއި، އަތޮޅުތަކުގެ 82 ސްކޫލެއް ހިމެނެއެވެ. 3 ދަންފަޅިއަކަށް ބަހާލައިގެން މިއަދު ކުރިއަށްގެންދާ މި މުބާރާތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށް ދަނީ އެއް ވަގުތެއްގައެވެ.
މި މުބާރާތުގައި ޝައިޚް އިބްރާހީމް ސުކޫލުގެ 25 ދަރިވަރަކު ވާދަކުރެއެވެ. އެއީ 9 ފިރިހެން ކުދީންނާއި، 16 އަންހެން ކުދީންނެވެ.




