ޢާސޫރާދުވަހުގެ ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކުރުމަށް އިއްޔެގެ ޚުޠުބާގައި ގޮވައިލައިފި

ޢާސޫރާދުވަހުގެ ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކުރުމަށް އިއްޔެގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މި ކަމަށް ގޮވާލައްވާފައި ވަނީ “ޢާޝޫރާ ދުވަސް” މި މައުޟޫގެ ދަށުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު، އިއްޔެ އިއްވި ހުކުރު ޚުޠުބާގައެވެ.
އެހެން ޚުޠުބާތަކެކޭ އެއް ގޮތަށް ޚުޠުބާ ފައްޓަވާފައިވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ޚިޔާރުކުރެއްވި ގަދަކީރިތިވަންތަ މާތްﷲއަށް ޙަމްދު ޘަނާ ދެންނެވުމާއެކު އެކަލާނގެ ރަސޫލުކަމާއިގެން ފޮނުއްވައި މާތްﷲގެ ރިސާލަތު ފުރިހަމަކުރެއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.
ޚުޠުބާ ނިންމަވާލައްވާފައިވަނީ މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.
އިއްޔެގެ ހުކުރު ޚުތުބާގައި ހާމަކޮށްފައި ވަނީ، ޢާޝޫރާ ދުވަހަކީ ތާރީޚީ ގޮތުން ނުހަނު މުހިންމު ހާދިސާއެއް ހިނގާފައިވާ ދުވަހެއް ކަމަށެވެ. އެއީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން، އަނިޔާވެރި ފިރުޢައުނުގެ ކިބައިން މާތް الله ސަލާމަތްކޮށްދެއްވާ، ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ. އަދި މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަން ހުރެގެން ކަމަށް ވެސް ޚުޠުބާގައި ހާމަކުރެއްވިއެވެ.
ޚުޠުބާގައި ޙާމަކުރެއްވި ގޮތުގައި މުޙައްރަމު މަހަކީ މާތް الله ޙުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން އެއް މަހެވެ. ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެކެވެ. އަދި ސުންނަތާ އެއްގޮތަށް ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމަށްޓަކައި، ދިހަ ވަނަ ދުވަހުގެ ކުރިއަށް ދުވަހެއް ނުވަތަ ފަހަށް ދުވަހެއް އިތުރުކުރުމަށް ޚުޠުބާގައި ހާމަކުރެއްވިއެވެ. އަދި ޢާޝޫރާ ދުވަހާ ގުޅުވައިގެން ދީނުގައި ނެތް ބިދުޢަތަކާއި، ހިތާމަ ފާޅުކުރުމުގެ ގޮތުން ކުރާ ޝަރުޢީ އުޞޫލުތަކާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވާފައި ވަނީ މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅު ގޮތްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮ ގޮތްވުމަށް އެދެމުންނެވެ. ބަލިމީހުންނަށް ޝިފާދެއްވާ ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދެމުންނެވެ.




