ވެހެމުން ދިޔަ ހިމަފޮދު ވާރޭތެރޭ ކެލާގެ ފުރަތަމަ ޙާފިޡަށް މަރުޙަބާ ދަންނަވައިފި

ކެލާގެ ފުރަތަމަ ޙާފިޡު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހަށް ވެހެމުން ދިޔަ ހިމަފޮދު ވާރޭތެރޭ މަރުޙަބާ ދަންނަވައިފިއެވެ.

ޙާފިޡުކަމުގެ ސަނަދު 1 ވަނަ ދަރަޖާގައި ޙާޞިލްކުރުމަށް ފަހު، މިއަދު ހެނދުނުގެ ވަގުތެއްގައި ޢައްޔާޝް ކެލައަށް އައުމުން ވެހެމުން ދިޔަ ވާރޭތެރޭ ރައްޔަތުން ނުކުމެ ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

ކެލާ ކައުންސިލުގެ ފަރާތުން އިންތިޒާމުކުރި މި މަރުޙަބާ ދެންނެވުމުގައި، ކެލާ ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު މާލިކު ވަނީ ޢައްޔާޝްގެ ކާމިޔާބުގެ އަގުވަޒަންކުރުމުގެ ގޮތުން ތާޖެއް އޭނާގެ ބޮލުގައި އަޅުވައިދެއްވާފައެވެ.

ކެލާ ރައްޔަތުން ޢައްޔާޝަށް މަރުޙަބާ ދެންނެވީ، ރީތި މާބޮނޑިތަކާ މަލުގެ ގުލްދަސްތާތަކުގެ އިތުރުން މަރުޙަބާގެ ބޭނާތަކުންނެވެ. މަރުޙަބާ ދެންނެވުމުގައި ކެލާގެ ކައުންސިލުގެ މެންބަރުންނާއި، ޑަބްލިޔޫޑީސީގެ ރައީސް ޙައްވާ ފަޒުނާގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނާއި އަދި ކެލާގެ މުއައްސަސާތަކުގެ ވެރިންގެ އިތުރުން އާންމު ރައްޔިތުން ވެސް ބައިވެރިވެލެއްވިއެވެ.




