ކެލާގެ ލޮބުވެތި ރައްޔިތުންނަށް، އިންފާޒު ޝުކުރު އަދާކުރައްވައިފި

ކެލާ ކައުންސިލުގެ ހިނގަމުން މިދާ ދައުރުގެ ރައީސް އަލްފާޟިލް ޢަބްދުﷲ އިންފާޒު ކެލާގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް އިންފާޒު ކެލާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، ފޭސްބުކް މެދުވެރިކޮށް މިއަދު ގެނެސްދެއްވި އޯޑިޔޯ މެސެޖެއްގައެވެ.
އޯޑިޔޯ މެސެޖެއްގެ ގޮތުގައި އިންފާޒު ދެއްވި މި މެސެޖު ފައްޓަވަމުން ވިދާޅުވެފައި ވަނީ އިންތިޚާބީ މަޤާމުތަކުގައި ކެލާގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި 11 އަހަރަށް ވުރެ ދިގު މުއްދަތު ހޭދަކުރުމަށްފަހު، މިއަދު އޭނާ ހުންނެވީ ޝުކުރުވެރިކަމާއި، މަޑުމޮޅިކަމާއި، ފުން ވިސްނުންތަކަކުން ފުރިގެންވާ ހާލަތެއްގައި ކަމަށެވެ.

“ކެލާ ކައުންސިލްގެ ރައީސްކަމުން ފެށިގެން، އަތޮޅު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ތިޔަ ބޭފުޅުން ތަމްސީލުކުރުމާއި، އަދި މިހިނގާ ދައުރުގެ ކައުންސިލްގެ ރައީސްކަމާ ހަމައަށް، ކޮންމެ ވަގުތަކީ ވެސް މުޅި ޢުމުރުގައި ލިބުނު އެންމެ ބޮޑު ޝަރަފެވެ. ތިޔަ ބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި، ދެއްވި އެއްބާރުލުމާއި، އަދި އަޅުގަނޑާ މެދު ބެހެއްޓެވި ގުޑުމެއް ނެތް ޔަގީންކަމަކީ އަޅުގަނޑު ނިންމި ކޮންމެ ނިންމުމެއްގެ ފަހަތުގައިވާ މައިގަނޑު ބާރެވެ” އިންފާޒުގެ އޯޑިޔޯ މެސެޖުގައި ވިދާޅުވިއެވެ.
އިންފާޒުގެ މެސެޖުގައި ވިދާޅުވި ގޮތުގައި އޭނާއަށް ޙާސިލުކުރެވުނު ކޮންމެ ކަމަކީ ވެސް ކެލާ ރައްޔިތުންގެ ވަރުގަދަ އަޒުމާއި، ކެތްތެރިކަމާއި، އަދި މުޖުތަމަޢެއްގެ ގޮތުގައި ބޭއްވި އެއްބައިވަންތަކަމުގެ ސަބަބުން ޙާސިލުކުރެވުނު ކަންކަމެވެ.
އިންފާޒު ވަނީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި، އޭނާގެ ނިންމުމަކުން، ޢަމަލަކުން ނުވަތަ ބަހަކުން އެއްވެސް ބޭފުޅަކަށް ދެރައެއް، އުނދަގުލެއް ނުވަތަ ބޭއިންޞާފެއް ކުރިމަތިވެފައިވާ ނަމަ، އެ ކަމަށް ޓަކައި ކެލަގެ ލޮބުވެތި ރައްޔިތުންގެ އަރިހުން މަޢާފަށް އެދިވަޑައިގެންފައެވެ.

“އަޅުގަނޑު ނިންމި ކޮންމެ ނިންމުމަކީ ވެސް ކެލާގެ ލާބަޔާއި، މަންފާއަށް އިސްކަންދީގެން ނިންމި ނިންމުމެކެވެ. އަބަދުވެސް ގިނަ ބައެއްގެ މަޞްލަޙަތަށް އިސްކަންދީފައިވީ ނަމަވެސް، ބައެއް ނިންމުންތަކުގެ ސަބަބުން މަދު ބަޔަކަށް މާޔޫސްކަމެއް ނުވަތަ ދަތިތަކެއް ކުރިމަތިވެފައި ހުރެދާނެކަން އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. އެ ކަމަށް ޓަކައި އިޚްލާޞްތެރިކަމާއެކު މާފަށް އެދެމެވެ” އިންފާޒުގެ މެސެގައި ވިދާޅުވިއެވެ.
އިންފާޒުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ދުވަހަކު ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ވެރިއެއްގެ ޙައިޞިއްޔަތުން ގިނަ ފަހަރަށް އުނދަގޫ ނިންމުންތައް ނިންމަން ޖެހުނު ކަމަށެވެ. އަދި އިންފާޒު ވިދާޅުވީ، މަޤާމުގެ ދައުރު ނިމުމަކަށް އައި ނަމަވެސް، އޭނާގެ ޚިދުމަތް ނުހުއްޓޭނެ ކަމަށެވެ. މުޖުތަމަޢުގެ އާދައިގެ މެންބަރެއްގެ ގޮތުގައި ވިޔަސް، ކެލާއަށް ޚިދުމަތްކުރުމުގައި އަބަދުވެސް އޭނާ ދެމިހުންނާނެ ކަމަށެވެ. ކެލާއާއި ކެލާގެ ރައްޔިތުންނާ އޭނާއާ އޮތް ގުޅުމަކީ މުޅި ޢުމުރަށް ދެމިގެންވާނެ ގުޅުމެއް ކަމަށެވެ.
އިންފާޒު ވަނީ ކެލާ ރައްޔިތުން އޭނާއަށް ކުރެއްވި އިތުބާރަށް ޓަކައި ލޮބުވެތި ޢިއްޒަތްތެރި އެންމެހައި ރައްޔިތުންނަށް ތަކުރާރުކޮށް ޝުކުރު ދަންނަވައިފައެވެ.

އިންފާޒުގެ މެސެޖު ނިންމާލައްވާފައި ވަނީ ކެލާއަކީ އަބަދުވެސް އޭނާ އެންމެ ލޯބިވާ ފަސްގަނޑު ކަމަށް ވިދާޅުވެ، ކެލާއަށް ކުރިއެރުމާ ތަރައްޤީ ހޯދައިދިނުމަކީ ޒިންމާއެއް އަދި ފަޚުރެއް ކަމަށް އަބަދުވެސް ދެކޭނެ ކަމަށް ވިދާޅުވެއެވެ. އަދި ކެލާއަށާއި، ކެލާގެ ރައްޔިތުންނަށް މިއަދަށް ވުރެ، މާއުޖާލާ ފާގަތި ދުވަސްތަކެއް ﷲ ސުބްހާނަހޫވަތަޢާލާ މިންވަރުކުރެއްވުން އެދި ދުޢާކުރަމުންނެވެ.




