ކެލާ ޔޫތު ފޯރަމުން ބޫޓުހަރު ޙަވާލުކޮށްފި
ކެލާ ޔޫތު ފޯރަމުން ޝައިޚް އިބްރާހީމް ސުކޫލަށް ބޫޓުހަރު ޙަވާލުކޮށްފިއެވެ. މި ހަރުތައް ޙަވާލުކުރުން އޮތީ މިއަދު މެންދުރެއްހައި އިރެވެ. މިއީ އެ ސުކޫލުގެ ކުލާސްރޫމުތަކުގެ ބޭރުގައި ދަރިވަރުންގެ ބޫޓު ބެހެއްޓުމަށް ހަދިޔާކުރެވުނު ހަރުތަކެކެވެ.
ޖަމްޢިއްޔާގެ ފަރާތުން މި ބޫޓުހަރު ޙަވާލުކުރުމުގައި ޖަމްޢިއްޔާގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާނުގެ އިތުރުން ހިންގާ ކޮމެޓީގެ ބައެއް މެންބަރުން ބައިވެރިވެ ލެއްވިއެވެ. ސުކޫލުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެލެއްވީ ސުކޫލު ހިންގެވުމާއި ޙަވާލުވެ ހުންނެވި ސަމީން ސަޢީދެވެ. މިއީ އެ ސުކޫލުގެ އެދިލެއްވުމަކާ ގުޅިގެން ސުކޫލުން ތަކެތިދީގެން ކެލާ ޔޫތު ފޯރަމުން ޖެހި ހަރުތަކެކެވެ.
ކެލާ ޔޫތު ފޯރަމަކީ ރަށުގެ މުއައްސަސާތަކާ، އާންމު ރައްޔިތުންގެ ހެވާ ލާބަޔަށް މަސައްކަތްކުރަމުން އަންނަ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ އެ ސުކޫލުގައި އޭ ލެވެލް ތަޢުލީމު ފެށުމަށް ޓަކައި ވެސް ބޮޑު ހޭދައެއް ކުރައްވާފައިވާ ޖަމްޢިއްޔާއެކެވެ.