ޝައިޚް އިބްރާހީމް ސުކޫލުން އޯލެވެލް ގަދަ 10އަށް، ރާދާ

ޝައިޚް އިބްރާހީމް ސުކޫލުން އޯލެވެލް ގަދަ 10 އަށް، މަރިޔަމް ރާދާ ދަތުރުކޮށްފިއެވެ. ފާއިތުވެ ދިޔަ ތަޢުލީީ އަހަރު 19 ދަރިވަރުން އިމްތިޚާނު ހެދި ޝައިޚް އިބްރާހީމް ސުކޫލުގެ ޕްރިންސިޕަލް ސަމީން ސަޢީދު ވިދާޅުވި ގޮތުގައި ގަދަ 10 އަށް ރާދާއަށް ދެވޭނެ ކަމުގެ ފޮނި އުންމީދު އަބަދުވެސް އެ ބޭފުޅުންގެ އޮތެވެ.
“ރާދާއަކީ ސުކޫލުން ހިންގާ އެންމެހައި ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ ދަރިވަރެއް. ނިމުނު އަހަރު ސުކޫލުގެ ވައިސް ކެޕްޓަން. ކުރާ ކޮންމެ ކަމެއްވެސް އޭނާ ކުރަނީ ވަރަށް ޒިންމާރުކަމާއެކު. އިމްތިޚާނުކުރެވޭ ގްރޭޑްތަކުން ފެށިގެން ވެސް ރާދާއަކީ ރަނގަޅު ނަތީޖާ ހޯދަމުންއައި ދަރިވަރެއް” ޕްރިންސިޕަލް ސަމީން ވިދާޅުވިއެވެ.
ރާދާއަކީ ހއ. ކެލާ ނައިޓްމޫން ފާޠިމަތު ރެންޒީނާއާއި، މަރުޙޫމް ޢަލީ އިބްރާހީމަށް ލިބިލެއްވި 4 ކުދިންގެ ތެރެއިން އެންމެ ހަނގު ދަރިފުޅެވެ. ރާދާގެ މަންމަ ރެންޒީނާ ފާހަގަކުރެއްވި ގޮތުގައި ރާދާއަކީ އެ ބޭފުޅުންގެ އެހެންދަރިންނާ ވަރަށް ތަފާތު ކުއްޖެކެވެ. ކިޔެވުމަށް ޚާއްޞަ އިސްކަމެއް ދިން ކުއްޖެކެވެ.
“ރާދައަކީ ވަރަށް ބަސްއަހައި ކުއްޖެއް. ކިޔަވުމަށް ޓަކައި އަމިއްލައަށް ވަރަށް މަސައްކަތްކުރި ކުއްޖެއް. ދުވަހަކުވެސް ކިޔަވުމާ ގުޅޭ ކަމެއް ކުރާކަށް ބުނާކަށް ނުޖެހެ. ކިޔެވުމާ ގުޅޭ ކަންކަން އަމިއްލައަށް އައީ ކުރަމުން. ވަރަށް ގިނަ ވަގުތު ކިޔެވުމަށް ހޭދަކުރި. ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަކަމުން ބައެއް ފަހަރު ދެރަވެގެން އެ ވާހަކަ ބުނަން ވެސް ޖެހުނު. ދީނީކަންކަމަށް ވަރަށް އިސްކަންދިން. ފަރުޟު ނަމާދާ، ރޯދައިދެ އިތުރުން ސުންނަތް ރޯދައާ، ނަމާދުތައް ވެސް ބަރާބަރަށް ކުރި” ރާދާގެ މަންމަ ރެންޒީނާ ބުނުއްވިއެވެ.
ރާދާއާއެކު ގްރޭޑް 10، ޝައިޚް އިބްރާހީމް ސުކޫލުން ނިންމި ދަރިވަރެއް ކަމުގައިވާ، މާކިން ފާހަގަކުރި ގޮތުގައި ވެސް ރާދާއަކީ ސުކޫލުން ކުރާ ކޮންމެ ކަމެއްގައި ވެސް ފާގަކޮށްލެވޭ ދަރިވަރެކެވެ.
“ރާދާއަކީ ވަރަށް ހިތްއަލި ތޫނުފިލި ކުއްޖެއް. ހުރިހާ މާއްދާއަކަށް ވެސް ވަރަށް މޮޅު. ކުޅިވަރު ޙަރަކާތްތަކާއި، ޢިލްމީ ޙަރަކާތްތަކުގައި ވެސް ރާދާ ބައިވެރިވޭ. ހޭންޑްބޯޅައަށް ވެސް މޮޅު. ވަރަށް ރީތިކޮށް ޤުރުއާން ކިޔަވަ. ސުކޫލުންކުރާ ކޮންމެ ކަމެއްގައި ރާދާ ބައިވެރިވޭ. ރާދާއަކީ ލީޑަރޝިޕް ވަރަށް ރަނގަޅަށް ދައްކައިދިން ކުއްޖެއް” ވައިސް ކެޕްޓަން މާކިން ބުންޏެވެ.

ރާދާ ބުނި ގޮތުގައި އޯލެވެލް އިމްތިޚާން ފެށުމުގެ 2 މަސް ކުރިން ތާވަލެއް އޭނާ ތައްޔާރުކުރިއެވެ. އެ ތާވަލުގައި ކޮންމެ ދުވަހަކަށް މާއްދާއެއް ކަނޑައަޅައި، އެ މާއްދާއަކުން އެ ދުވަހަކަށް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް އެކަށައެޅިއެވެ. އެ ލަނޑުދަނޑި ޙާޞިލްކުރަން ކޮންމެ ދުވަހަކު ވެސް 2 ގަޑި އިރު، އަމިއްލައަށް ކިޔެވުމަށް ހޭދަކުރިއެވެ. ޕާސްޓް ޕޭޕަރު ހަދަން އެތައް ވަގުތެއް ވޭތިކުރިއެވެ. މީގެ އިތުރުން ޚާއްޞަ ވެބްސައިޓްތަކެއްގެ ބޭނުން ވެސް ރާދާ ހިފިއެވެ. ބްރައިޓްމައިންޑް، ޓާރބޯ ލާން އޭއެލް، ސޭވް މައި އެގްޒާމްސް އަދި ފިޒިކްސް އެންޑް މެތުސް ޓިޔުޓަރ ފަދަ ވެބްސައިޓްތަކެވެ. އަދިހަމައެފަދައިން ކިޔެވުމުގައި ބޭނުންހިފުމަށް ހުރި ޢިލްމީ ގިނަ އުކުޅުތައް ވެސް ރާދާ ބޭނުންކުރިއެވެ.
“އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު އެއްފަރާކީ މަންމަ. 2020 ގައި ބައްޕަ ނިޔާވީންސުރެ ހުރިހައި ކަމެއް ވެސް އެންމެ ގާތުން ބަލައިދިނީ މަންމަ. ވަޒީފާއަށް ދަމުން އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް މަންމަ ކުރަމުން ދިޔަ އިރުވެސް ސުކޫލުން ނިމިގެން އަޅުގަނޑު ގެއަށް އަންނަ އިރު ކާމޭޒުމަތި ހުހަކަށް ނުހުރެ. މަންމައަކީ ވަރަށް ހިތްވަރުގަދަ މީހެއް. ވޭތުވެ ދިޔަ 5 އަހަރު އަޅުގަނޑު ކުރި ކޮންމެ ކަމެއްގައި ވެސް ހިތްވަރުދިނުމަށް އަޅުގަނޑު ގާތުގަ މަންމަ ހުރި. އިމްތިޚާނަށް ތައްޔާރުވީއިރުވެސް މަންމައަށް އެނގޭ މިންވަރުން އެހީތެރިވެދިން. ޞިއްޙީ ދުޅަހެޔޮކަމުގައި އަޅުގަނޑު ބެހެއްޓުމަށް ލައްކަކަންކަން މަންމަކުރި. ޢާއިލާގެ އެންމެންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު. އެގްޒާމަށް ކައިރިވުމުން ސުކޫލުން ވެސް ވަރަށް ފުރިހަމައަށް އެހީތެރިވެދިން. އިތުރު ގަޑިތަކުގައި ނަގައިދީ ނޭނގޭ ބައިތައް އަލުން ކިޔަވައިދިން. މުދައްރިސުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ފަންނުވެރި އަދި ޤާބިލް މުދައްރިސުން މެދުވެރިކޮށް ބައެއް މާއްދާތަކުން ޚާއްޞަ ކޭމްޕްތައް ބާއްވައިދިން. އެކުގައި ކިޔެވި ކުދިންގެ ފަރާތުން ވެސް ގިނައެއްޗެހިތަކެއް ދަސްވި” ރާދާއަށް އެހީތެރިވެދިން ފަރާތްތައް ކިޔައިދިނެވެ.
ތަޢުލީމީ ގޮތުން ރާދާއަށް ލިބުނު މި ކާމިޔާބީގައި އެންމެ ބޮޑަށް އޭނާ ޝުކުރުއަދާކުރަން ބޭނުން ވަނީ އޭނާގެ މަންމައަށެވެ. އޭނާ ބުނި ގޮތުގައި މަންމަވީ ޤުރުބާނަކީ ދުވަހަކުވެސް އޭނާއަށް އަގުއަދާކޮށް ނުދެވޭނެ ޤުރުބާނީއެކެވެ. މަންމަގެ ޚިދުމަތަށް ތަޢުރީފު ޙައްޤުކަމަށް ތަކުރާރުކޮށް ރާދާ ބުންޏެވެ. އަދިހަމައެއާއެކު މުދައްރިސުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ރާދާ ޝުކުރުއަދާކުރިއެވެ. މީގެ އިތުރުން ރާދާގެ ޝުކުރުގައި ސުކޫލުގެ އިސްވެރިންނާ، ތަޢުލީމީ ޙަޔާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކުގައި ކިޔެވި ކުދިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރިއެވެ.

ރާދާ ބުނި ގޮތުގައި އޭނާއަށް އެންމެ ފަސޭހައިން ފިލާވަޅު ދަސްކުރެވެނީ ލިޔެގެންނެވެ. އަދި ދަސްކުރަން ބޮޑަށް ފަސޭހައީ ހެނދުނެވެ.
ޝައްކެއްނެތެވެ. ރާދާއަކީ މި ފަހަރުގެ ކެލާ ސުކޫލުގެ ޢިލްމީ ތަރިއެވެ. ސުކޫލާއި، ރަށަށް ވެސް ރާދާ ހޯދައިދިނީ ފަަޚުރުވެރި ކާމިޔާބެކެވެ. ރާދާ ހޯދި ޝަރަފުވެރި ކާމިޔާބަށް ޓަކައި ތިލައުތުރު ނޫހުން ރާދާއަށް ތަހުނިޔާ ކިޔަމެވެ. ތިޔަ ކާމިޔާބަކީ ފެށުމެއް ކަމުގައި ބަލައި ހުޅުވިފައި ހުރި ޢިލްމީ ދޮރޯށިތަކުން ވަދެ، ރަށާއި، ޤައުމަށް ޚިދުމަތްކުރާނެ ފަޚުރުވެރި ދަރިއަކަށް ވުމަށް ޢަޒުމް ކަނޑައަޅާށެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ޙައްޤެކެވެ. މަސައްކަތްތެރިންނަށް އަބަދުވެސް ކާމިޔާބު ހިނިތުންވެއެވެ.