ޚަބަރު

އިއްޔެގެ ހޭންޑްބޯލް މެޗު ކެލާ ޔޫތު ފޯރަމުން ކާމިޔާބުކުރި އިރު، ފުޓްސަލް ގްރޫޕް އޭއިން އަންގަބޫލެބަލާއި، އަންގަބޫލެބަލް ޖޭއާރު ސެމީން ޖާގަހޯދައިފި

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، “އެމްޕީ ޝަރީ ކަޕް 2025” ގެ ހޭންޑްބޯލް މުބާރާތުގެ މެޗު ކެލާ ޔޫތު ފޯރަމުން ކާމިޔާބުކުރި އިރު، ފުޓްސަލް ގްރޫޕް އޭއިން އަންގަބޫލެބަލާއި، އަންގަބޫލެބަލް ޖޭއާރު ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު ހޭންޑްބޯލް މެޗު ކެލާ ޔޫތު ފޯރަމުން ކާމިޔާބުކުރީ 4 ލަނޑުގެ ފަރަގަކުންނެވެ. ސްޕިން ވިޒަރޑާ ބައްދަލުކޮށް މި މެޗު ކެލާ ޔޫތު ފޯރަމުން ކާމިޔާބުކުރީ 9 ލަނޑު، 5 ލަނޑުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ، ކެލާ ޔޫތު ފޯރަމަށް 5 ލަނޑުޖަހައިދިން ފާތިމަތު ސާރަތެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ސްޕޯރޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒެވެ. މި މެޗުން މޮޅުވުމުން ބާކީ އޮތް މެޗުގައި އަންގަބޫލަބަލް ބަލިކޮށް ކެލާ ޔޫތު ފޯރަމަށް  ފައިނަލަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ.  މި މެޗުން ބަލިވުމުން ސްޕިން ވިޒަރޑް ވަނީ މުބާރާތުން ކަޓައިފައެވެ.

ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކެލާ ޔޫތު ފޯރަމުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ކެލާ ޔޫތު ފޯރަމުން ކާމިޔާބުކުރީ 6 ލަނޑު 0 ލަނޑުން ޔުނިޓީ ސްޕޯރޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވިއަސް ކެލާ ޔޫތު ފޯރަމް ކުރިން ކުޅުނު ދެ މެޗުން ބަލިވުމުގެ ސަބަބުން ވަނީ މުބާރާތުގެ ސެމީން ޖާގަނުލިބި ކަޓައިފައެވެ. މި މެޗުން ބަލިވި ޔުނިޓީ ސްޕޯރޓްސް ކުލަބު މުބާރާތުން ކެޓީ ކުޅުނު 3 މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޔޫތު ފޯރަމްގެ ޢަލީ ނާޝިދެވެ. ޢަލީ ނާޝިދު ވަނީ މިމެޗުގައި 2 ލަނޑު ޖަހައިދީފައެވެ.

ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗު ފަސޭހަކަމާއެކު އަންގަބޫލެބަލުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު އަންގަބޫލެބަލުން ކާމިޔާބުކުރީ 10 ލަނޑު 1 ލަނޑުން އަންގަބޫލެބަލް ޖޭއާރުގެ މައްޗަށް ކުރިހޯދައިގެންނެވެ. މިރޭގެ މެޗުން ބަލިވި އަންގަބޫލެބަލް ޖޭއާރާއި، މޮޅުވި އަންގަބޫލެބަލް ވަނީ މި މެޗަށް ނުކުތްއިރުވެސް ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗު ކާމިޔާބުކުރި އަންގަބޫލެބަލް ވަނީ މުބާރާތުގައި ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އޭ ގުރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ. ސެމީގައި އަންގަބޫލެބަލް ވާދަކުރާނީ ބީ ގުރޫޕުގެ ދެ ވަނަ ޓީމާއެވެ. މި މެޗުން ބަލިވި އަންގަބޫލެބަލް ޖޭއާރު ސެމީގައި ވާދަކުރާނީ ބީ ގުރޫޕްގެ 1 ވަނަ ޓީމާއެވެ. ބީ ގުރޫޕުގެ މެޗުތައް ނިމޭނީ މިރެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަންގަބޫލެބަލްގެ ޢަބްދުއްސަލާމެވެ. ސަލާމު ވަނީ މިމެޗުގައި 3 ލަނޑު ޖަހައިދީފައެވެ.

މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާއާއި، ވަށަފަރު އަދި ފިއްލަދޫގެ އަންހެނުންނަށާއި، ފިރިހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ހޭންޑްބޯލްއާއި، ފުޓްސަލްވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެމްޕީ ޝަރީ ކަޕް 2025ގެ، އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅައިފައިވާ އިރު، ރަނަރަޕް ޓީމަށް ވެސް 20،000 ރުފިޔާވަނީ ހުށަހަޅައިފައެވެ.

މި މުބާރާތުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފައެވެ. ހަވީރު ކުޅޭ ހޭންޑްބޯލް މެޗުގައި ބައްދަލުކުރާނީ އަންގަބޫލެބަލްއާއި، ގޫޕްސް ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ ފުޓްސަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާރުބީއެލް ސްޕޯރޓްސް ކުލަބާއި، ޓީއޯ ސްޕޯރޓްސް ކުލަބެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ގޫޕްސް ސްޕޯރޓްސް ކުލަބާއި، އެފްސީ ބައިލައްކައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button